ހަރަދު ކުޑަ ކުރަން ކަމަށް ބުނެ ކައުންސިލްތައް އުވާލަން ޖާބިރު މަޖިލީހަށް ހުށައަޅުއްވައިފި
ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި އަތޮޅުކައުންސިލްތަކާއި ރަށު ކައުންސިލުތަކުގެ އިތުރުން ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ޖާބިރުގެ ހުށަހެލުއްވި ގަރާރުގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް އާމްދަނީ ލިބޭ ސިނާއަތްތައް މުޅިން ހުއްޓި ގައުމު ބަނގުރޫޓުވުމާއި ދިމާލަށް މިސްރާބު ޖަހާފައިވާކަން ވަނީ ފާހަގަކުރައްވައި ގާނޫނުއަސާސީ އިސްލާހުކޮށް ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ ގޮތުން އުފައްދާފައިވާ އެންމެހާ އިދާރާތައް ވަގުތުން ވަގުތަށް އުވާލުމަށް ގޮވާލއްވާފައެވެ.
އެގޮތުން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އުވާލާ ދާދިފަހުން މަޖިލީހުން ފާސްކުރީ ލޯކަލް ކައުންސިލްތަކުގެ ހާއްސަ ގާނޫނުވެސް ވަގުތުން ވަގުތަށް އުވާލުމަށް ޖާބިރު ވަނީ ގަރާރުގައި ގޮވާލައްވާފައެވެ.
ހަމައެހެންމެ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ބެލެނެވެރި ފަރާތް ކަމުގައިވާ ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) ވެސް ވަގުތުން ވަގުތަށް އުވާލުވަށް ޖާބިރުގެ ގަރާރުގައި ވެއެވެ.
ޖާބިރު ވިދާޅުވި ގޮތުގައި މަޖިލީހަށް އެ ގަރާރު އޭނާ ހުށަހެޅުއްވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކުރިމަތިވެ ސަރުކާރުން ކުރާ ހަރަދުތައް ކުޑަކޮށް ގައުމު ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކަމަށެވެ.