ރައީސް ޔާމީންގެ ޝަރީއަތް ހިނގާދިޔައީ އިންސާފުވެރިކޮށެއް ނޫން: ވަހީދު
ޖަލަށް ލާފައިވާ ކުރީގެ ރައީސް އަދި ޕީޕިއެމްގެ ލީޑަރު އަބްދުﷲ ޔާމީންގެ ޝަރީއަތް ހިނގާދިޔައީ އިންސާފުވެރިކޮށް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ވަހީދު މިހެން ވިދާޅުވީ އެޑްވައިޒެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށް މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ވަހީދު ވިދާޅުވީ ރައީސް ޔާމީނަށް އަދުލު އިންސާފު ލިބިވަޑައިގަތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެމަނިކުފާނުގެ ޝަރިއަތް ހިނގާ ނިމިގެން ދިޔައީ އަދުލުވެރި އިންސާފުވެރިކޮށެއް ނޫން ކަމަށެވެ.
ވަހީދު ވިދާޅުވީ ޔާމީން މިހާރު ހުންނެވީ ވަރަށް އަނިޔާވެރި ގޮތެއްގައި ކަމަށާއި، ރާއްޖެ އަށް މިހާބޮޑު މުސީބާތެއް ކުރިމަތިވެފައިވާ ވަގުތެއްގައި ވެސް ރާއްޖެ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅަކު މިއަދު ހުންނެވީ ބަންދުގައި ކަމަށެވެ.
އަދި ޔާމީން ޖަލުގައި ހުންނެވީ އިންސާފެއް ނެތި ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާއި އެހެންކަމުން އެމަނިކުފާނަށް އަދުލުވެރި އިންސާފު ލިބޭތޯ މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ. އެގޮތުން އެކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.