ޖާބިރު މާސްކު އަޅުއްވާ ގޮތުން ކައިރީގައި ތިއްބަވާ މެމްބަރުންނަށް ރައްކާތެރިކަން ކަށަވަރެއް ނުވޭ: އިބްރޭ
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މާސްކު އަޅުއްވާ ގޮތުން ކައިރީގައި ތިއްބަވާ މެމްބަރުންނަށް ރައްކާތެރިކަން ކަށަވަރެއް ނުވާ ކަމަށް ވިދާޅުވެ ކެލާ ދާއިރާ މެމްބަރު އިބްރާހީމް ޝަރީފް(ކެލާ އިބްރޭ) ނުރުހުން ފާޅުކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ދިވެހި ރާއްޖޭގެ ތަފާސްހިސާބުތަކުގެ ބިލަށް ބަހުސް ކުރައްވަން ޖާބިރު ފެއްޓެވުމާއިއެކު އިބްރޭ ވަނީ ނިޒާމީ ނުކުތާއެއް ނަންނަގަވައި ޖާބިރު މާސްކު އަޅުއްވާފައިވާ ގޮތުގެ ސަބަބުން ކައިރީގައި ތިއްބަވާ މެމްބަރުންނަށް ރައްކާތެރިކަން ކަށަވަރުނުވާކަމަށް ވިދާޅުވެފައެވެ. އެއާއެކު މަޖިލީހުގެ ރައީސް ވަނީ އިބްރޭގެ ނިޒާމީ ނުކުތާ ބަލައިގަނެ، އެ މެމްބަރު އެހެން ގޮޑިއަކަށް ބަލަލުވެވަޑައިގެންނެވުމަށް އެދިވަޑައިގެންފައެވެ.
އިބްރޭގެ ނިޒާމީ ނުކުތާގެ ރައްދުގައި ޖާބިރު ވިދާޅުވީ މާސްކު އެޅުމަށްވެސް ވަކިން ޤާނޫނެއް ހެއްދެވުމަކީ މުހިންމުކަމެއްކަމަށެވެ.
މާސްކުއެޅުމާއި ގުޅޭގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެޗްޕީއޭއިން މާސްކު އެޅުމާއި ގުޅޭ ގޮތުން ޚާއްސަކޮށް އިރުޝާދުދީފައިވާ ކަމަށާއި އެގޮތުން މާސްކު ނާޅައި ބަންދުތަނެއްގައި އިންފެކްޓްވެފައިވާ މީހަކާއި 3 ފޫޓުގާތުގައި 15 މިނިޓަށްވުރެ ގިނައިރު ހުރިނަމަ ބަލާނީ ޕްރައިމަރީ ކޮންޓެކްޓެއްގެ ގޮތުގައި ކަމަށެވެ.
ޖާބިރު މާސްއަޅުއްވާ ގޮތާއިމެދު މީސް މީޑިޔާގައިވެސް ގިނަ ބަޔަކުވަނީ ފާޑު ކިޔާފައެވެ. އެގޮތުން މާސްކު އަޅައިގެން ވާހަކަދައްކަވަން އުދަގޫވުމުން ޖާބިރު މާސްކުއަޅުއްވައިގެން ހުންނަވަނީ މާސް ފަށްޖެހުމަށްފަހު އަޖަމަތި ނިވާވާގޮތަށް އެކަންޏެވެ.