ޚަބަރު

ފެބްރުއަރީ 7ގެ ހަނދާންތައް ރައީސް ނަޝީދު އާ ކުރެއްވީ ޅެމަކުން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފެބްރުއަރީ 7، 2012 ގައި ބަޣާވާތަކުން ވެރިކަން ވައްޓާލި ކަމަށް ބުނާ ވާހަކަ ތަކުރާރު ކުރައްވައި، އެދުވަހުގެ ހަނދާންތައް ޅެމަކުން، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިއްސާކުރައްވައިފިއެވެ.

Ads by MWSC

އެދުވަހުގެ ހަނދާންތައް އައު ކުރައްވައި ރައީސް ނަޝީދު ކުރެއްވި ޅެން ބައިތުގައި އެދުވަހުގެ އެ ހަނދާންތަކުން ދުރުވުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެއީ ކޮށްފައިވާ ވަރަށް ބޮޑު ކުށެއް ކަމަށާއި، އެކަންތައްތަކަކީ މަޢާފް ކުރަން ފަސޭހަވާނެ ކަންތައްތަކެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަން ފެށި މުޒާހަރާތައް ވަރުގަދަވެ ރާއްޖޭގެ ސިޔާސީ މަސްރަހު އޭރު އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އެއަށްފަހު ފެބްރުއަރީ 6 ގައި އެމްޑީޕީގެ ބައެއް މެމްބަރުންނާއި، އޭރުގެ އިދިކޮޅާ ކުރިމަތިލުން ކުރިޔަށް ދިޔައީ އާޓްފިޝަލް ބީޗުގައެވެ.

މި ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެ އެންމެ ފަހުން އޭގެ ޖެހިގެން އައި ދުވަހު ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ވެސް ސަރުކާރާއި ދެކޮޅަށް ނިކުތެވެ. ޖުމްހޫރީ މައިދާނުގައި، ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާ، އާއްމުންގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީ ސަރުކާރަށް ކުރަމުން ދިޔަ ޕްރެޝަރުގެ ތެރެއިން ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީއެވެ.

ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވީ އެމަނިކުފާނު އިތުރަށް ރައީސް ކަމުގެ މަގާމުގައި ދެމި ހުންނަވައިފި ނަމަ ރާއްޖޭގެ ރައްޔިތުންނަށާއި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ގަބޫލު ކުރެއްވިގެން ކަމަށެވެ. ވެރިކަން ދަމަހައްޓަވަން އުޅުއްވި ނަމަ ނުހަނު ބޮޑަށް ބާރުގެ ބޭނުން ކުރަން ޖެހި ރައްޔިތުންނަށް ގެއްލުންވީސް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ވެރިކަން އިތުރަށް ދަމަހައްޓަން މަސައްކަތް ކުރައްވައިފިނަމަ ބޭރުގެ ނުފޫޒު ވެސް ރާއްޖެ އައުމަކީ ގާތް ކަމެއްގެ ގޮތުގައި ރައީސް ނަޝީދު އެ ދުވަހު ވިދާޅުވިއެވެ.

ވެރިކަން ބަދަލުވެފައިވާ ގޮތާއި ގުޅޭގޮތުން އެކުލަވާލި ކޯނީ ރިޕޯޓުން ހާމަ ވެފައި ވަނީ ވެރިކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހުތިޔާރުގައި ކަމަށެވެ. ރައީސް ނަޝީދު ވަނީ ވެރިކަމުން 7 ފެބްރުއަރީ 2012 ގައި އިސްތިއުފާ ދެއްވައި ޖެހިގެން އައި 8 ފެބުރްއަރީގައި ގިނަ އަދަދެއްގެ ބަޔަކާއެކު ނިކުމެފައެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ރާއްޖޭގެ އެތައް މުވައްސަސާއެއްގައި ހުޅުޖަހައި އަންދާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!