ނަޝީދު ރައްޔިތުންގެ ބަހަށް އިސްތިއުފާދެއްވީ ކަން ނުވުމުން އޮތް އެންމެ ރަނގަޅު ގޮތަށް: ޖަމީލް

ނަޝީދު ރައްޔިތުންގެ ބަހަށް އިސްތިއުފާ ދެއްވީ ، ކަން ނުވުމުން އޮތް އެންމެ ރަނގަޅު ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި އިސްތިއުފާ ދެއްވި ހާދިސާއާ ގުޅިގެންނެވެ.
ޓުވީޓުގައި ޖަމީލު ވިދާޅުވީ ވެރިން ޗާޓުން ބޭރުވުމުން ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށެވެ. އަދި އެމްޑީޕީގެ އޭރުގެ ވެރިކަމާ މިހާރުގެ ވެރިކަމާ ތަފާތެއް ނެތް ކަމަށެވެ. މީގެ އިތުރުން ސަރުކާރަށް ފާޑު ވިދާޅުވަމުން ޖަމީލް ވިދާޅުވީ އިންސާފުގެ ނަމުގައި ސަރުކާރުން އެއްބަޔަކު ލަނީ ހުރަގެއަށް ކަމަށާއި، އަނެއް ބަޔަކާ ހަދަނީ ޑީލް ކަމަށެވެ.
މީގެ 9 އަހަރު ކުރިން ރައީސް މުޙައްމަދު ނަޝީދު ވެރިކަމުގައި ހުންނެވުމަށްފަހު އިސްތިއުފާދެއްވި 7 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ހަނދާންތައް މިއަދު ނަޝީދު ވަނީ ޅެންބަހުން އައުކުރައްވާފައެވެ.
މިއަދު ކުރެއްވި ޓުވީޓްގައި ރައީސް ނަޝީދު ވިދާޅުވީ "ހަނދާންތައް ހިތުގެ ވިކަމުން ގެނުވަނީ، ފިލުވޭ ތަދެއް ނޫނޭ، އަދާ ހަމައަށް މި ޙާލަތު އައުމަކީ ކުޑަ ކުޑަ ކުށެއް ނޫނޭ" މި ފަދައިންނެވެ. އަދި "ޒަމާންތަކަކަށްވި ޤުރުބާނީ ފަނާވެވި ޖިސްމު އިންސާނީ، އަމާންކަން ނެއްޓި ޢުދުވާނީ މަޢާފު ކުރާވަރެއް ނޫނޭ" މި ޅެން ބައިތު ރައީސް ނަޝީދު ޓްވީޓް ކުރެއްވިއެވެ.