ކުޅިވަރު

ބޮލޮންޔާ އަތުން ޔުވެންޓަސް މޮޅުވި މެޗުގައި ރޮނާލްޑޯއަށް ރެކޯޑެއް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން މެދު ކެނޑުމަކަށްފަހު ޔުވެންޓަސް ކުޅުނު މެޗުން އެޓީމް މޮޅުވެ ތާވަލްގެ އެއްވަނައިގައި 4 ޕޮއިންޓްގެ ލީޑެއް ނެގިއިރު، ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ރެކޯޑެއް ހަދައިފިއެވެ.

Ads by Sosun Fihaara

2-0އިން ބޮލޮންޔާ އަތުން މޮޅުވި މި މެޗުގައި ޔުވެންޓަސްގެ ދެ ލަނޑު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޕައުލޯ ދިބާލާއެވެ. ރޮނާލްޑޯ ޖެހި ގޯލަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. މިއީ އޭނާ ސެރީއާގައި ޖެހި 43ވަނަ ގޯލެވެ. މީގެ ތެރެއިން 21 ގޯލް އޭނާ ޖެހީ މިދިޔަ ސީޒަންގައެވެ.

43 ގޯލް ހަމަކޮށް ސެރީއާގައި އެންމެ ގިނަ ލަނޑު ޖެހި ޕޯޗުގަލްގެ ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯގެ ނަމަށް ބަދަލުކުރުމުގެ ކުރިން މި ރެކޯޑް އޮތީ ފިއޮރެންޓީނާއާއި، އޭސީ މިލާންގެ ރުއި ކޮސްޓާ އަތުގައެވެ.

ރޮނާލްޑޯއަކީ ސްޕެނިޝް ލަލީގާއާއި އިނގިރޭސި ޕްރިމިއަރ ލީގުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ޕޯޗުގަލް ކުޅުންތެރިޔާއެވެ. ލަލީގާގައި ރެއާލް މެޑްރިޑަށް ރޮނާލްޑޯ 311 ގޯލް ޖެހިއިރު، އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑަށް އޭނާ 84 ގޯލް ޖަހައިދިނެވެ.

ބޮލޮންޔާ ކޮޅަށް ރޮނާލްޑޯ ގޯލެއް ޖަހާފައިމިވަނީ މިދިޔަ ހަފްތާގައި ނިމުނު ކޮޕަ އިޓާލިއާ ފައިނަލްގައި އޭނާ ދެއްކި ކުޅުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެފައިވަނިކޮށެވެ. އަނެއް ކޮޅުން އެ ފައިނަލަކީ އޭނާގެ ކެރިއަރުގައި ޖެހިޖެހިގެން ބަލިވި ދެވަނަ ފައިނަލެވެ.

ބޮލޮންޔާ އަތުން މޮޅުވެ ލިބުނު 3 ޕޮއިންޓާއިއެކު ތާވަލްގެ އެއްވަނައިގައި ޔުވެންޓަސްއިންވަނީ 4 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. 66 ޕޮއިންޓާއިއެކު ޔުވެންޓަސް އެއްވަނައިގައި އޮތްއިރު، ދެވަނައިގައި ލާޒިއޯ އޮތީ 62 ޕޮއިންޓާއިއެކުގައެވެ. ލާޒިއޯ ލީގުގައި ދެން ކުޅޭ މެޗު އޮތީ މާދަމާރެއެވެ. އެޓީމް ނިކުންނާނީ ޗެމްޕިއަންސް ލީގުގެ ގަދަ އަށަކުން ޖާގަ ހޯދާފައިވާ އެޓްލާންޓާއާއި ދެކޮޅަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!