ސަޕޯޓަރުން ވައްދައިން ކުޅުނު މެޗާއިއެކު ސަރބިއާގެ ލީގު ޗެމްޕިއަން ޓީމްގެ ފަސް ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ސަޕޯޓަރުން ވައްދައިގެން ކުޅުނު ސަރބިއަން ކަޕްގެ ސެމީ ފައިނަލް މެޗަށްފަހު ރެޑް ސްޓަރ ބަލްގްރޭޑްގެ 5 ކުޅުންތެރިޔަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
ސަރބިއަން ސުޕަ ލީގާގެ ޗެމްޕިއަންކަން ހޯދާފައިވާ ރެޑް ސްޓަރ ބަލްގްރޭޑްގެ 5 ކުޅުންތެރިއަކު ޕޮޒިޓިވް ވެފައިވާކަން އެކުލަބުން ހާމަކުރީ ލީގުގެ އެންމެ ފަހު މެޗުގައި ބައެއް ކުޅުންތެރިން ނުފެންނާތީ ސުވާލުކުރުމުންނެވެ.
ސަރބިއަން ކަޕްގެ ސެމީ ފައިނަލުން ވާދަވެރި ޕާޓިޒަން އަތުން އެޓީމް ބަލިވި މެޗު ބަލަން 25 ހާހެއްހާ މީހުން ސަޕޯޓަރުން ދަނޑަށް ވަނެވެ. މި މެޗަށް ސަޕޯޓަރުން ވެއްދީ އެގައުމުގެ ސަރުކާރުން ލޮކްޑައުންއަށް ދީފައިވާ ލުއިތަކާއިއެކު ކުޅިވަރު އިވެންޓްތަކަށް ސަޕޯޓަރުން ވެއްދުމުގެ ހުއްދަ ލިބުމުންނެވެ. ސަރބިއާގެ ވަރުގަދަ ދެ ޓީމްގެ ކުރިމަތިލުން ބަލާލަން 25 ހާސް މީހުން ވަތް މެޗަށްފަހު ސަޕޯޓަރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓްވެސް ކުރިއެވެ.
ރެޑް ސްޓަރ ބަލްގްރޭޑްއިން ނެރުނު ބަޔާނެއްގައި ބުނީ 5 ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެކަމަށާއި، އެ ކުޅުންތެރިން ތިބީ އެކަހެރިކޮށްފައިކަމަށެވެ. އަދި ލީގުގައި ކުޅުނު ފަހު މެޗުގައި އެ ކުޅުންތެރިން ނެތީ އެހެންވެކަމަށާއި ލީގު ޗެމްޕިއަން މެޑަލް އެ ކުޅުންތެރިންނަށް ވަކިން ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެކުލަބުގެ ބަޔާނުގައިވެއެވެ.
ކޮވިޑް-19ގެ ސަބަބުން މެދު ކަނޑާލާފައިވާ ލީގުތަކުގެ ކުޅުން އަލުން ފެށި ނަމަވެސް ގިނަ ގައުމުތަކުން ސަޕޯޓަރުން ދަނޑަށް ވަނުމުގެ ހުއްދައެއް ނުދެއެވެ. ސަރބިއާގައި މި ދިމާވި ކަންކަމާއި ގުޅިގެން ބާކީ ތިބި ޤައުމުތަކުން ސަޕޯޓަރުން މި ސީޒަންގައި ދަނޑަށް ވެއްދުމާއި ގުޅޭގޮތުން އިތުރު ވިސްނުންތަކަކަށް ދާނެކަމަށް ބެލެވެއެވެ