ލާމަރުކަޒީ އިންތިހާބުތަކުގައި ގައުމުން ބޭރުގައި ފޮށި ބެހެއްޓުމަކީ ގިނަ ގައުމު ތަކުގައި ކޮށްއުޅޭ ކަމެއްނޫން:އަކްރަމް

ލާމަރުކަޒީ އިންތިހާބު ތަކުގައި ގައުމުން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަކީ ގިނަ ގައުމު ތަކުގައި ކޮށްއުޅޭ ކަމެއް ނޫން، ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ އިންތިހާބު ތަކުގައި ގައުމުން ބޭރުގައި ފޮށި ބެހެއްޓުމަކީ ގިނަ ގައުމު ތަކުގައި ކޮށްއުޅޭ ކަމެއް ނޫން ކަމަށާއި ލާމަރުކަޒީ ރޫހާއި އެންމެ އެއްގޮތް ކަމެއް ވެސް ނޫން ކަމަށެވެ.
އަކްރަމް މިހެން ވިދާޅުވެފައި ވަނީ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ފޮށިތައް އިނގިރޭސިވިލާތާ މެލޭޝިޔާ ގައި ބެހެއްޓުމުގެ ފުރުސަތު ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނުމާ ގުޅިގެންނެވެ.
އީސީން ކުރިން ނިންމާފައި އޮތީ މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރްގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނުގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. އެހެން ނަމަވެސް އިލެކްޝަންގެ ގައުމީ ލަފާދޭ ކޮމިޓީގައި ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް އަހުމަދު ސަލީމް ވިދާޅުވީ އެ ގައުމުތަކުގައި ވޯޓް ފޮށިތައް ނުބެހެއްޓޭނެ ކަމަށެވެ.