ޝަރުމީލާ މޫނު ބުރުގާ އަޅާފައިހުރި ގޮތް ހާދަ ތަފާތޭދޯ؟
މުޅީ މީސްމީޑިއާ މިއަދު އަނެއްކާވެސް މިވަނީ "ފާޒިލް" އާއި "ޝަރުމީލާ" ގެ ވާހަކައިން ފުރިފައެވެ.
"ފިޓް ފާޒިލް" އިން އިންސްޓަގްރާމުގައި ހެދި އަގުބޮޑު ގިވްއަވޭއެއްގެ ނަސީބުވެރިއަކަށް ހޮވުނު "އައިޝަތު ޝަރުމީލާ" އަކީ އަސްލެއް ނޫން ކަމަށް ބުނުމުން މިރޭ މިވަނީ "ޝަރުމީލާ" ވެސް ފާޅުވެފައެވެ.
ނަމަވެސް އޭނާ ފާޅުވުމަކުން، ނުވަތަ ވީޑިއޯ އާއި ފޮޓޯ ދެއްކުމަކުން ފާޒިލް ދައްކާ ވާހަކަތައް ގިނަ ދިވެހިން ޤަބޫލު ކުރާހެން ހިއެއް ނުވެއެވެ.
އެގޮތުން ފާޒިލް ތަޢާރަފްކުރި "ޝަރުމީލާ" އާއި ބެހޭގޮތުން ދިވެހިން ފާހަގަ ކޮށްފައިވާ ބައެއް ކަންކަމާއި ފާޒިލް އަށް ސުވާލުތަކެއް ހިމަނާލާނަމެވެ.
ފާާޒިލް ދައްކާފައިވާ "ޝަރުމީލާ" ހުރީ މޫނު ނިވާކޮށްގެންނެވެ.
ނަމަވެސް މިކަމުގައި ހައިރާންވާ ކަމަކީ އިނާމު ލިބުމުގެ ކުރިން "ޝަރުމީލާ" ގެ އިންސްޓަގްރާމް އެކައުންޓުގެ ޕްރޮފައިލް ފޮޓޯގައި އިނީ މޫނު ނިވާ ނުކޮށް، ކަރުވެސް ދައްކައިގެން އިން އަންހެން ކުއްޖެއްގެ މޫނުގެ އެއްފަޅީގެ ފޮޓޯއެކެވެ.
ފާޒިލް އެވެ. މޫނު ނިވާ ކޮށްގެން އުޅޭ އަންހެނަކު މީސް މީޑިއާގެ އެއްވެސް އެކައުންޓެއްގައި އޭނާގެ މޫނުން ބައެއް ދައްކައިގެން ފޮޓޯ ލާފައި ހުއްޓާ ހަމަގައިމުވެސް އަޅުގަނޑަކާއި އަދި ދިމައެއް ނުވެއެވެ. ގިނަ ފަހަރަށް ފެންނަނީ ވެސް އެމީހުން ގޫގްލް އިން ނަގާފައި ހުންނަ، ދީނީ ނަސޭޙަތެއް ނޫނީ ބަސްކޮޅެއް ލާފައި ހުންނަ ފޮޓޯއެކެވެ.
"ޝަރުމީލާ" ގެ އިންސްޓަގްރާމް ޕްރޮފައިލް ފޮޓޯ ވެސް މިހާރު ބަދަލު ވެއްޖެކަން އެނގެއެވެ. މިހާރު އިނީ ހަމަ ވަރަށް ދީނީ ފޮޓޯއެކެވެ. ނިޤާބް އަޅާ އަންހެނަކު ލާފާނެ ފޮޓޯއެކެވެ. އެކަމަކު ސުވާލެކެވެ. ހަމަ އެންމެ ދުވަހެއްގެ ތެރޭގައި ޝަރުމީލާ ފޮޓޯ ބަދަލު ކޮށްފާނެ ހެއްޔެވެ؟
މިއާއިއެކު މިއޮތީ އަނެއްކާ އަނެއް ސުވާލެވެ. ފަހުން މިފެންނަ "ޝަރުމީލާ" އައިޑީ އަކީ ވެސް ފާޒިލް އަމިއްލައަށް ހަދައިގެން އުޅޭ އައިޑީއެއް ކަމާއި، ގިވްއަވޭގައި ބައިވެރިކުރި އައިޑީ ނޫންކަމަށް ވެސް ގިނަ މީހުން މިވަނީ ބުނެފައެވެ. ފާޒިލް އެވެ. ހަގީގަތަކީ ކޮބާ ހެއްޔެވެ؟
ކޮންމެއަކަސް "ޝަރުމީލާ" ކަމަށް ފާޒިލް ދައްކާފައިވާ ވީޑިއޯ އިން ފެންނަ ކުއްޖާގެ އަސްލާއި މެދުވެސް ސުވާލުތަކެއް އާއްމުން ވަނީ އުފުލާފައެވެ.
އެގޮތުން އޭނަ އަޅައިގެން އިން މޫނު ފޮތިކޮޅުގައި ވަރަށް ރޫ ގިނަކަން ގާތްގަނޑަކަށް އެންމެންހެން ވަނީ ފާހަގަ ކޮށްފައެވެ. މިއީ ފާޒިލް އަށް ޖަވާބު ނުދެވިދާނެ ސުވާލަކަށް ވެދާނެއެވެ. ނަމަވެސް، އިސްލާމީ ހަމަތަކުގެ މަތިން އުޅޭ ކުއްޖަކު، އެފަދަ ބައިވަރު އިނާމުތަކެއް ބަލާދާއިރު، ރީތިވެގެން ނުދާނެ ހެއްޔެވެ؟ މޫނު ނިވާކުރިއަސް އެވަރުގެ ޒީނަތްތެރިކަމެއް ބަހައްޓާނެއެވެ. އަދި މޫނު ބުރުގާ އަޅާ ގިނަ ދިވެހި އަންހެން ކަނބަލުންނަކީ އެމީހުންގެ ނިތްކުރިއާއި ބުމަ ވެސް ފޮރުވައިގެން މޫނު ބުރުގާ އަޅާ މީހުންނެވެ. ޝަރުމީލާ އެހެން ނުވީ ކީއްވެބާއޭ ހިތަށް އަރައެވެ.
"ޝަރުމީލާ" ގެ ވާހަކަ މިވަރުން އެކަނި ދައްކާފައި ނިންމާލެވޭކަށް ނެތެވެ.
"ފިޓްފާޒިލް" ގިވްއަވޭގެ ކޮމެންޓުގައި މީހަކަށް ޓެގް ކުރަން ޖެހޭއިރު، ޝަރުމީލާ ޓެގް ކުރީ ކާކަށް ހެއްޔެވެ؟ ދިވެހި ރާއްޖޭގެ ނަން މަޝްހޫރު މޮޑެލް ޒަޔާން ނުވަތަ އާއްމުން ދަންނަ ނަމުން ނަމަ "ކައިޒީން" އެވެ.
މިއީ "ކައިޒީން" އަށް ބުނާ ދެރަބަހެއް ނޫނެވެ. އެކަމަކު މޫނު ބުރުގާ އަޅައިގެން އުޅޭ ގިނަ މީހުންނަށް ކައިޒީން އެންމެ މަގުބޫލު މީހާއަށް ވެދާނެ ކަމާއިމެދު ސިކުނޑި ޤަބޫލެއް ނުކުރެއެވެ. އޭނާ ހެދުން އަޅާ ގޮތާއިމެދު އެންމެ ގިނައިން ފާޑުކިޔާ އެއްބަޔަކީ ވެސް ދީނީ ހަމަތަކުގެ މަތިން އުޅެވޭތޯ އުޅޭ މީހުންނެވެ.
ފާޒިލް/ޝަރުމީލާ އެވެ. ކަމެއް ފޮރުވުމުގެ ގޮތުން ނެގޭ އުޒުރެއްގެ ގޮތުގައި މޫނު ބުރުގާ ނުހަދާށެވެ. ނިޤާބް އަޅާ ގިނަ އަންހެން ކަނބަލުން އެއަޅަނީ ސުންނަތުން "އައުރަ" ނިވާކުރުމުގެ މާތް މަޤްސަދުގައެވެ.