ރިޕޯޓް

އެޑިޔުކޭޝަން މިނިސްޓަރަށް ދުވަހަކީ ކިތައްގަޑިއިރު؟

ދެން އެމްވީ ، ދެން އޮންލައިން

މީޑިއާ ސްޓަންޓް ޖެއްސުމުގައި ބިޒީވެގެން އުޅޭ ވެރި ބަޔަކަށް އަސްލު މަސައްކަތަށް ދެވޭނީ ކޮންވަގުތެއް ހެއްޔެވެ. ވަރިހަމަތާއެވެ. ދިފާއަށް ފައިބައިތިބެ ބައިކޮޅަށް ގޯލުޖެހޭ އިރުވެސް އެނގެނީއެއް ނޫނެވެ.

Ads by Sosun Fihaara

ނިއުނޯމަލްއަށް ސްކޫލުތައް ތައްޔާރުވެފައިވާކަމަށް ބުނެ ޒާތްޒާތުގެ މީޑިއާ ސްޓަންޓް ޖެއްސުމަކުން ގިނަ ސުކޫލުތަކުގައި އެކަށީގެންވާ ގޮތެއްގައި ކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށެއް ނުދެވެއެވެ. އެންމެ ކުޑަމިނުން ހުންބަލާ އެންމެ ތަރމޯމީޓަރެއް ހާހިސާބުނެތް ސްކޫލުތައް ބައިވަރެވެ. ދަންފަޅި ގިނަ ކުރިޔަސް ހުރިހާ ދަން ފަޅީގައި ކިޔަވާދޭނެ ޓީޗަރުންނެއް ނެތެވެ. ކްލާސްރޫމްތައް އެއް ސެޝަނުން އަނެއް ސެޝަނަށް ބަދަލުވާއިރު ޑިސްއިންފެކްޓްކޮށް ހަދާނޭ މުއައްޒަފުންނެއް ނެތެވެ. ޓީޗަރުންނަށާއި އާދައިގެ މަސައްކަތު މީހުންނަށް ވޯކްލޯޑް ބޮޑުކޮށްގެން އެކަން ރަނގަޅަށް ކުރެވޭނީ އެމީހުނަށް ރަނގަޅު އާމްދަނީ އެއްވެސް އިތުރަށް ލިބޭނަމަތާއެވެ. އޮތިއްޔާ އޮތް ޓީވީ ޗެނެލަކަށް އިސްވެރިންނާއި ޕްރިންސިޕަލުން އަރުވައިގެން މޮޅުވާހަކަ ދައްކުވާނެ ކަމެއްނެތެވެ. ވަޒީފާގެ ބިރަށްޓަކައި ޕްރޮގްރާމަށް އަރާ ބުނިހާ އެއްޗެއް ކިޔާފައި ފޭބިޔަސް ގިނަ ޕްރިންސިޕަލުން ތިބީކީ ކުރެވޭކަން މޮޅުވެ ހިނިއައިސްފައެއްނޫނެވެ. ސްކޫލުގެ ކަންކަން ރަނގަޅުކޮށްދީ ހުރި މައްސަލަތައް ހައްލުކޮށް ރައްކާތެރިކަމާއެކު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭން އުޅުމަށްވުރެ ސްކޫލުތަކުގެ ވެރިންނާއި މިނިސްޓްރީގެ ވެރިން ލައްވާ ކުރުވާން އިސްކަން ދެނީ މީޑިއާ ސްޓަންޓް ޖެއްސުމެވެ.

މީޑިއާ ސްޓަންޓް ޖެއްސުމުގެތެރެއިން އަޖައިބު ކުރަނިވި ވާހަކައެކެވެ. ނިއު ނޯމަލްއަށް އެޑިއުކޭޝަން މިނިސްޓްރީ ތައްޔާރުވަނީ ހާދަ ވަރުގަދައަކަށެވެ. ތިންމަސް ދުވަހުގެ ތެރޭގައި މަސައްކަތުގައި ދިހަހާސް ގަޑިއިރު ހޭދަކުރި ގޮތާމެދު ގައެވެ. އެވާހަކަ މިނިސްޓަރު ވިދާޅުވީތީ އަންތަރީސްވެ ކުޅު ހިކުނެވެ. ދުވާލަކު މިއޮންނަނީ 24 ގަޑިއިރެވެ. މަހަކު 30 ނުވަތަ 31 ދުވަހެވެ. 3މަސްދުވަސް މަހަކު އެއްތިރީސް ދުވަސް ކަމަށް ބެލިޔަސް އެއީ 93 ދުވަހެވެ. 93 ދުވަހަކީ 2232 ގަޑިއިރެވެ. އެހެން ކަމަށްވާނަމަ 3މަސްދުވަހުން 10000 ގަޑިއިރު މަސައްކަތުގައި ހޭދަކުރާނީ ލައްކަ މޮޅުވީމާތާއެވެ. ކަމެއްގައި ހޭދަވާ ވަގުތާއި އެކަމެއްގައި އުޅުނު މީހުންގެ އަދަދާއި ގުޅުވައިގެން ވަގުތު ބަލަންޏާ އެޑިޔުކޭޝަން މިނިސްޓަރަށް ދުވަހަކީ ކިތައް ގަޑިއިރު ބާވައެވެ.

އެންމެފަހުން ބޭއްވި ވޯލްޑްކަޕްގެ ކޮންމެ މެޗެއްބަލަން އެވްރެޖްކޮށް 47371 މީހުން ދަނޑަށް ވަނެވެ. ކޮންމެ މެޗެއްވެސް ކުޅުނީ 90 މިނިޓެވެ. މެޗްބަލަން ދަނޑަށް ވަތް މީހުންގެ އަދަދުން ކޮންމެ މީހަކު މެޗެއް ބަލަން ހޭދަކުރި ވަގުތަކީ 90 މިނިޓެވެ. އެކަމަކު މެޗްބަލަން ވަތް އެންމެންގެ އަދަދާއި މެޗްކުޅެން ހޭދަކުރި ވަގުތާ ގުނަކޮށްގެން ވަގުތު ބެލީމާ ވޯލްޑްކަޕް މެޗެއްގެ ވަގުތަކީ 4263390 މިނިޓްކަމަށް އެބަވެއެވެ. ހަޤީޤަތަކީ އެއެއް ނޫނެވެ. މެޗެއްގެ ވަގުތަކީ ހަމަ 90 މިނިޓެވެ. އެޑިއުކޭޝަން މިނިސްޓަރ ތިޔަޖައްސަވާ ހިސާބަކީ އެއީ ނޫން ހެއްޔެވެ. ސްކޫލުތަކުގެ ކަމާބެހޭ މުއައްޒަފުންނާއެކު ބޭއްވިފައިވަނީ ދެތިން ބައްދަލުވުން ނޫންހެއްޔެވެ. ތިޔައުޅެނީ ކާކަށް ކޮންއެއްޗެއް އޮޅުވާލަން ހެއްޔެވެ.

އަނެއްކޮޅުން ސްޓޭޓް މިނިސްޓަރުންނާއި ނައިބުން އުޅެނީ ސޯޝަލް މީޑިއާގައި ސްޓޭޓަސް ޕޯސްޓްކުރުމާއި ދާއިރާގެ އެހެންވެރިންނާއި ޓީޗަރުންލައްވާ ކޮމެންޓް ކުރުވުމުގައެވެ. އާއްމު މީހުންގެ ކޮމެންޓުތަކަށް ރައްދު ދިނުމުގައެވެ. އެންމެ ހެއްވާކަމަކީ ސިޔާސަތު ތަންފީޒުކުރުވަން ތިބޭ ސްޓޭޓް މިނިސްޓަރުން ނިކުމެ ނާސްތާ ސިޔާސަތަށާއި ފޮތްފަންސުރު ދިނުމުގެ ސިޔާސަތަށް ފާޑުކިޔާ އަމިއްލަ މީހާ ރައުޔު ފާޅުކުރުމެވެ. ސިޔާސަތެއް ތަންފީޒު ކުރުމުގައި ސިޔާސަތު އޮންނަ ގޮތުން ދަތިވާނަމަ އެވާހަކަ ދައްކާނީ މީޑިއާއަކު ނޫނެވެ. ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބެގެން ސަރުކާރަށް ފާޑުކިޔާ ސިޔާސަތުތަކަށް ހަޖޫ ޖަހާނީ ސަރުކާރު ބަރަހަނާ ކުރުންނޫން ބޭނުމެއްގައެއް ނޫނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!