ރިޕޯޓް

އަނެއްކާވެސް ރާއްޖޭގައި ބްލެކްމެއިލްގެ މައްސަލައެއް: މިފަހަރު އަންހެން ޓީޗަރަކު ބްލެކްމެއިލް ކުރީ ފިރިހެން ޤާނޫނީ ވަކީލަކަށް!

ދެން އެމްވީ ، ދެން އޮންލައިން

ބްލެކްމެއިލް ކުރުމުގެ މައްސަލަތަކަކީ ދުވަސްކޮޅުކޮޅުން ރާއްޖޭގައި ފެންމަތިވަމުން އަންނަ ވަރަށް ވެސް ހިތާމަވެރި މައްސަލައެކެވެ.

Ads by Sosun Fihaara

ޚާއްސަކޮށް ދެމީހެއްގެ "އަމިއްލަ" ފޮޓޯތަކަކާއި ވީޑިއޯތަކެއް ލީކު ކޮށްލާނަމޭ ބުނެ ފެންމަތިވަމުން އަންނަ މައްސަލަތައް އިންތިހާއަށް ގިނައެވެ. މިފަދަ މައްސަލަތަކުގައި އާއްމުކޮށް "ވިކްޓިމަކަށް" ވެފައިވަނީ އަންހެން ކުދިން ނުވަތަ އަންހެނުންނެވެ.

ނަމަވެސް މިފަހަރު ފެންމަތިވެގެން އުޅޭ މައްސަލަ ތަފާތެވެ. މިފަހަރު ރާއްޖޭގައި މިފަދަ ގޮތަކަށް އަންހެނަކު ވަނީ ފިރިހެނަކު ބްލެކްމެއިލް ކޮށްފައިކަން މިވަނީ ހާމަވެފައެވެ.

އޮންލައިން މީޑިއާ އެއް ކަމަށްވާ "ރާއްޖެއެމްވީ" އިން މިޚާބަރާއި ބެހޭގޮތުން ބުނެފައިވަނީ މާލޭގެ ސްކޫލެއްގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ މިއަންހެން މީހާ ބްލެކްމެއިލް ކުރަމުން ދިޔައީ މަޝްހޫރު ޤާނޫނީ ވަކީލަކަށް ކަމަށެވެ. އެނގިފައިވާ ގޮތުގައި އެދެމީހުން އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. އަދި އަންހެންމީހާގެ އަތުގައި ހުރި ފިރިހެން މީހާގެ ބަރަހަނާ ފޮޓޯތަކެއް ލީކު ކޮށްލާނެ ކަމަށް ބުނެ، އެއަންހެން މީހާ ވަނީ ފިރިހެން މީހާއަށް ބިރުދައްކާފައެވެ.

އެނގިފައިވާ ގޮތުގައި އެދެމީހުން ވަކިވުމަށްފަހު، އަންހެން މީހާގެ ފޯނުގައި ފޮރުވާފައި ހުރި ފިރިހެން މީހާގެ ބަތަހަނާ ފޮޓޯތައް ލީކު ކޮށްލާނެ ކަމަށް އޭނާވަނީ ބުނެފައެވެ. މިމައްސަލަ މިމަހުގެ 3 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު ކަމަށާއި މައްސަލައިގެ ތަހުގީގަށް ފުލުހުން ގޮސް އެއަންހެން މީހާގެ ފޯނު ބެލި ކަމަށް ވެސް "ރާއްޖެއެމްވީ" ގެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މައްސަލައާއި ގުޅުން ހުރި ހެކި ފުލުހުން ގެންދިޔަކަމަށް ވެސް ބުނެފައިވެއެވެ.

މައްސަލަ މިހާ ހިސާބަށް ހުށަހެޅުނު ނަމަވެސް، އަންހެން މީހާގެ އާއިލާ މެދުވެރިކޮށް އޭނާ ވަނީ ކޯޓު މަރުހަލާއަކަށް އެމައްސަލަ ދިޔުމުގެ ކުރިން މައްސަލަ އަނބުރާ ނެގުމަށާއި ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް އެދިފައެވެ. އެހެންކަމުން ދެފަރާތުން މަޝްވަރާ ކުރުމަށްފަހު މިމައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާ، މައްސަލަ އަނބުރާ ގެންދިޔުމަށް އެދި ފިރިހެން މީހާ ވަނީ ސިޓީއެއް ވެސް ހުށަހަޅާފައެވެ.

އެކިއެކި ގޮތްގޮތުން އެކި މީހުންނަށް ބްލެކްމެއިލް ކުރުމަކީ ރާއްޖޭގައި ވަރަށް އާއްމުވަމުން އަންނަ ކަމެކެވެ. ބްލެކްމެއިލް ކުރުމަކީ ރަނގަޅު ކަމަކަށް ނުވިނަމަވެސްް، ހަގީގަތުގައި މިމައްސަލައިގައި ދެމީހުން ވެސް ކުށްވެރިވެއެވެ.

ލޯބިން އެކުގައި އުޅުނު ނަމަވެސް އެކަކު އަނެކަކަށް ބަރަހަނާ ފޮޓޯތައް ފޮނުވުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެވަގުތު ލޯބިވެރިޔާއަށް ކިިތަންމެ އިތުބާރެއް ކުރި ނަމަވެސް ފަހުން ދިމާވެދާނެ ކަމަކަށް ވެސް ތައްޔާރުވާން ވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!