ރިޕޯޓް

ރައްޔިތުމީހާ އުޅެނީ ކިންގް ސައިޒު ބެޑްގައި ނުނިދިގެނެއްނޫން!

ދެން އެމްވީ ، ދެން އޮންލައިން

ހިޔާ މަޝްރޫޢުން ބޯ އެކަނި ހިޔާ ކޮށްލެވުނަސް ރަނގަޅުތާއެވެ. ބޯހިޔާ ވަހިކަމެއް ނުލިބިފައި ތިބި އެތައް ބަޔަކަށް އެއީ ވެސް ލައްކަވަރެވެ. ހިޔާވަހިކަމަށް ފެންބޮވައިގެންފައި ތިބި ގިނަ ބަޔަކު މާލެ ސަރަހައްދުގައި އެބަތިއްބެވެ. މަހަކު އެތައްހާސް ރުފިޔާ ކުއްޔަށް ހޭދަކޮށްގެން އެއްކޮޓަރީގައި ކައްކައި ކައިބޮއި ފެންވަރާ ނިދާ ހަދައިގެން އުޅޭ އެތައް ހާސް ބަޔެކެވެ. މާލެ ސިޓީގައި ބޯހިޔާވަހި ކަމެއްގެ އުއްމީދުގައި އުމުރު ހުސްވަންދެން ދަތި ހާލުގައި ގިނަބަޔަކު ދިރި އުޅޭކަން އެންމެން ވެސް ދަނެއެވެ. އެކަމަށް ހައްލެއް ލިބޭނެކަމުގެ ކުޑަވެސް އުއްމީދެއް ފެނުނީ ހިޔާ މަޝްރޫއުންނެވެ. ކުލަފޮއްޓެކޭ އަލިފާންފޮއްޓެކޭ ފަހާފޮއްޓެކޭ ކިޔާނެ ކަމެއްނެތެވެ.

Ads by Hajj Corporation

ބޯހިޔާވަހިކަން ހޯދައިދިނުމާ އަގުބޮޑު ދިރިއުޅުން ހޯދައި ދިނުމަކީ އެއްކަމެއް ނޫނެވެ. ހިޔާ މަޝްރޫއަކީ އަގުބޮޑު ދިރިއުޅުމެއް ބަޔަކަށް ހޯދައިދޭން ރާވާ ހިންގި މަޝްރޫއެއް ނޫނެވެ. ހެޔޮއަގެއްގައި ބޯހިޔާވަހިކަން އަސާސީ ފެންވަރެއްގައި ރައްޔިތުންގެ ތެރެއިން އެންމެ ބޭނުން ޖެހިފައިވާ މީހުނަށް ހޯދައިދިނުމަށް ހިންގި މަޝްރޫއެކެވެ. މާލެސިޓީގައި ދަތިހާލުގައި ދިރިއުޅޭ މީހުންގެ ލެޔާ ގުޅިފައިވާ މަޝްރޫއެކެވެ. ސިޔާސީ ސަކަރާތެއް ނޫނެވެ. އޮޅުވާނުލާށެވެ.

ހިޔާވަހި ކަމަށް ސަރުކާރުން ހިންގާފައިވާ މަޝްރޫޢުތަކުގެ ތަޖުރިބާއަށް ބަލައި ހިޔާ މަޝްރޫއުން ހާސިލްކުރަން ބޭނުންވީ ލަނޑުދަނޑިތަކާމެދު ވިސްނާ މީހަކަށް މިވަނީ ކީއްކަން ވަޒަން ކޮށްލެވޭނެއެވެ. ކުޑަކޮށް ވިސްނާލަމާ ހިނގާށެވެ. މިއުޅެނީ ވަކިބަޔަކު ކުރިކަމެއް ހަލާލުކުރުމަށް ހުއްޖަތެއް ދައްކާކަށްނޫނެވެ. މިއުޅެނީ އެންމެ ތުއްތު ކުއްޖާއަށް ވެސް އެނގޭނޭ ކަންތައްތަކެއްގެ ވާހަކަ ދައްކާށެވެ.

ބޯހިޔާވަހިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ބޭނުންނަމަ ގިނަ ހިޔާވަހިތަކެއް ހަދައިދޭން ސަރުކާރަށް ލާޒިމުވާނެއެވެ. އެއްފަހަރާ ގިނަތަންތަން ނުހަދާ ފާހަގަވާވަރުގެ ލުޔެއް މާލެ ސަރަހައްދުގެ ހިޔާވަހި ކަމަކަށް ނުލިބޭނެއެވެ. ގިނަ އަދަދެއްގެ ހިޔާވަހި ހެދުމުގައި ކެރިފޯރުންތެރިކަމާއި ވަގުތާއި ހާލަތަށް ބަލައި އެންމެ ގިނަބަޔަކަށް އަސާސީ މިންވަރު ހާސިލް ކޮށްދޭން އިސްކަން ނުދީ އެއްވެސް ނުވާނެއެވެ. އެގޮތުން 7000 އެޕާޓްމަންޓަކީ ހަތްހާސް އާއިލާގެ ބޯހިޔާވަހިކަމެވެ. ދެމަފިރިންނާ 3 ކުދިންނަށް 570 އަކަފޫޓުގެ ހިޔާވަހިކަމެއް ލިބުމަކީ ކުޑަކަމެއް ނޫނެވެ. އެއްފަހަރާ ހަތްހާސް އާއިލާއަށް ހިޔާވަހިކަން ލިބިއްޖެނަމަ ކަމެއް ކުރެވި ލުޔެއް ލިބިއްޖެ ކަމުގެ އިހުސާސް ކުރެވޭނެއެވެ. ހިޔާފްލެޓްތަކަށްވުރެ މާކުދިކުދި ތަންތަންކޮޅުގައި މާބޮޑު ހޭދަކޮށްގެން އުޅޭ އާއިލާތަކަށް އެއީ ރަނެއް މަލެއް ފަދަ ނަސީބެކެވެ. ކިތަންމެ ދުވަހަކު ކިތަންމެ ބޮޑު ހޭދައެއް ކުރިޔަސް އަމިއްލަ ވަންތަކަމުގެ އިހުސާސް ނުކުރެވި ހޭދަކުރާ އާއިލާތަކަށް ހިޔާ މަޝްރޫއަކީ ހިތްހަމަ ޖެހުމެކެވެ. އެންމެ ރަނގަޅުކަމަކީ ދިގު މުއްދަތުންވެސް މިލްކުވާ ވުމެވެ. އަމިއްލަވަންތަ ކަމުގެ އިހުސާސްކުރެވުމެވެ. ބުރަޔަކަށް ނުވާވަރުގެ ކުއްޔެއްގައި ނިއުކުލިއަރ ފެމެލީއެއް މެނޭޖުކޮށްލުމުގެ ނަސީބު ގިނަބަޔަކަށް ލިބުމެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ލިބޭ ފްލެޓުން އެހެން ބަޔަކަށް ކުއްޔަށް ދީގެން ވިޔާފާރި ކުރުމުގެ ފުރުޞަތު ކުޑަކުރުމަކީ ކޮޓަރިތައް ކުދިވުމުގެ އެއްސަބަބެވެ. އެހެން އިތުރު ބަޔަކު ވައްދައިގެން ވިޔާފާރިކުރުމުގެ ޖާގައެއް ހިޔާފުލެޓަކު ނުއޮންނާނެއެވެ. ދެން އޮތީ މުއްޓާ ދޮރުފަތުގެ ވާހަކައެވެ. ކަބަޑުސެޓްގެ ވާހަކައެވެ. ޒިންކުގެ ވާހަކައެވެ. މީގެ ކުރިން ބޯހިޔާވަހިކަމަށް ދޫކުރި ފްލެޓްތަކަށް ބަދަލުތައް ގެންނަން ބޭނުންވެގެން އެކަން ކޮށްފައިވެސް އެބަހުއްޓެވެ. އެހެންކަމުން އެމީހަކު ބޭނުންވާ ކުލަޔެއްގެ މުއްޓެއް އެމީހެއްގެ ފްލެޓުގައި ޖެހުމުގެ ފުރުސަތު އެމީހަކަށް އޮންނާނެއެވެ. އެހެން އެފުރުސަތު ދީފައި އޮތުމަކީ ތަޖުރިބާއިން ނުކުރާވަރުކަމެއް ނޫންކަމަށް ގަބޫލުކުރެވެއެވެ. ކެރި ފޯރުންތެރިކަން ހުރިވަރަކުން އެމީހަކު ބޭނުން ބަދަލެއް ފުލެޓުގެ އިންޓީރިއާއަށް ގެންނަން އެޗާންސް ދިނީ އެހެން ވެގެނެވެ. ސަރުކާރުން ކޮށްދީފައި ބާއްވަން ބޭނުންވީ އަސާސީ މިންވަރެވެ. ވަންނަ ފުރަތަމަ ދުވަހުވެސް ކައްކާކައި ފެންވަރާ ނިދޭނެވަރެވެ. ފުރިހަމަ ކުރުމަކީ އެމީހެއްގެ ކެރިފޯރުން ތެރިކަމާ ގުޅިލާމެހިފައި އޮންނާނެ ކަމެކެވެ. ކަބަޑްސެޓް ބަހައްޓާނެގޮތާއި ސައިޒާ ނިންމާނީ އެމީހެކެވެ. އަނެއްކޮޅުން ދިރިއުޅުމުގެ ފެންވަރު އެކި މީހުންގެ ތަފާތުވުމަކުން ބޭރަށް ފެންނަގޮތް ތަފާތު ނުވާހެން ސިޓީގެ މޫނުމަތި ރީތިކޮށް ބޭއްވުމަށް ޓަވަރުތައް ބޭރުން ފެންނަ ފެނުން ރީތިކުރުމަކީވެސް ހިފިފައިވާ އަމާޒެއް ކަމަށް ބަލައިގަންނަން ޖެހެއެވެ. ފޮޓޯނެގެނީ ހަމަ ރީތިވީމައެވެ.

އަޖައިބެއް ނުވާނެހެއްޔެވެ. ބޯހިޔާވަހިކަން ހޯދައިދިނުމާއި ތަނަވަސް ދިރިއުޅުން ހޯދާ ދިނުމަކީ އެއްކަމެއް ނޫނެވެ. ތަނަވަސް ބޮޑެތި ފުލެޓްތަކުގައި އުޅެވޭވަރުގެ މީހުންނަށް ލަގްޒަރީ އެޕަރޓްމަންޓްތައް ގަނެވޭގޮތަށް ވެސް ހަމަ ޖެހިފައި އެބައޮތް ނޫން ހެއްޔެވެ. ލައިބްރަރީއާއި ބަގީޗާއާއި ފަތާފެންގަނޑާ ދިރިއުޅޭތާ ނެތިގެން މީހަކު އެބަ އުޅޭ ހެއްޔެވެ.ކިންގް ސައިޒު ބެޑުގައި ނުނިދިގެނެއް ރައްޔިތު މީހާ ނޫޅެއެވެ. ރައްޔިތުމީހާ ބޭނުންވަނީ ހެޔޮ އަގެއްގައި ބޯހިޔާވެއްސެކެވެ. ޕާކުތަކާއި ކުޅޭބިމާއި ވިޔާފާރިކުރާތަންތަނާއި މިސްކިތާއި އެނޫންވެސް ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމަކީ ހިޔާ މަސްރޫއުގެ ހިޔާފްލެޓްތަކުގެ ބައެއްނޫނެވެ. ފްލެޓްތަކުގައި މީހުން އާބާދު ވާންވާއިރަށް އެކަންކަން ހަމަޖައްސައިދީ ނިންމުމަކީ އެހެން ކަމެކެވެ. ލިފްޓު މަދުކަމުން ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ. މެލޭޝިޔާ ފަދަ ބައެއް ގައުމުތަކުގައި 40 ފަންގިފިލާގެ ޓަވަރުތަކުގައިވެސް ހުންނަނީ 4 ވަރަކަށް ލިފްޓެވެ. އެތަންތާ އުޅޭ އެންމެންނަށްވެސް އަރާފައިބައި އުޅުމަށް އެވަރު މަދުވެގެން ނޫޅެއެވެ. އެޕަރޓްމެންޓެއްގައި ފަސްވަރަކަށް މީހުން އުޅޭނެ 25 ފަންގިފިލާގެ ޓަވަރެއްގައި 14 މީހުންގެ ޖާގައިގެ 3 ލިފްޓް މަދު ވެގެން އޮބިނޯންނަ ވަރެއް ނުވާނެއެވެ. ގަޑިއަށް އޮފީހަށް ދާން ބޭނުން މީހާ ދުރާލާ ތައްޔާރުވެގެން ނުކުތީމާ ގަޑިޖެހެންވީ ސަބަބެއް ނެތެވެ.

ފުކެއް ބޮޑުވަރެވެ. ބުރިޖެއް ކަމަކުނުދިޔައެވެ. ދަރުމަވަންތަ ހޮސްޕިޓަލެއް ކަމަކު ނުދިޔައެވެ. ރިންގް ރޯޑެއް ކަމަކު ނުދިޔައެވެ. އެތަންތަން ބޭނުން ކުރަން ތިބި ރައްޔިތުންނަށް އެތަންތަން ވަރަށް ކަމުދެއެވެ.

އެންމެ ފަހުން ހިޔާފުލެޓްތަކެއް ވެސް ކަމަކު ނުދިޔައެވެ. އަޅެ! ކުރުމުއްދަތެއްގެތެރޭގައި އަދި ބާރު ސްޕީޑެއްގައި ކަމުދާ ގޮތަކަށް ކަންކަންކޮށްނިންމާފައި ދައްކަބަލާށެވެ. އެއަށްފަހު ކަމުނުދާ ކަންކަމުގެ ވާހަކަ ދައްކަބަލާށެވެ. ފުލެޓް ހައްގުވާ މީހުން ކަނޑައަޅަން ދެއަހަރު ތިން އަހަރު ނުނަގައި ހިޔާފުލެޓްތައް މީހުނާ ހަވާލުކޮށް ބަލާށެވެ. ކަމުނުގޮސްގެން ހަވާލުވާނެ ބަޔަކު ނެތްކަންވެސް އެނގޭނީ އޭރުންތާއެވެ. ތާރީޚު ދުށް އެންމެ ބޮޑު ދެބަޖެޓު ތަޅާ ހުސްވީ އިރުވެސް ހަރުތާކު ޖެހޭކަހަލަ ކަމެއްކޮށް ނުދެވި ތިބެގެނެއް ބަޔަކު ކޮށްފައި އޮތް ކަމެއްވެސް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށް ނުދީ އެކިބަހަނާ ދައްކަ ދައްކާ ތިޔަތިބެނީ ކަމެއް ކުރާނެ ގޮތެއް ނޭނގިގެން ހެއްޔެވެ. ނޫނީ ކޮށްނުދޭން ހެއްޔެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!