ރެއާލް މޮޅުވަނީ ރެފްރީންގެ އެހީގައިކަމަށް ބުނުމުން ރާމޯސް ރުޅިގަދަވެއްޖެ
ރެއާލް މެޑްރިޑް ލަލީގާ ތާވަލްގެ އެއްވަނައަށް އެރީ ރެފްރީންގެ އެހީތެރިކަމާއިއެކު މެޗުތަކުން މޮޅުވެގެންކަމަށް ބާސެލޯނާގެ ޖެރާޑް ޕީކޭ ބުނުމުން ރެއާލްގެ ކެޕްޓަން ރާމޯސް ރުޅިގަދަ ވެއްޖެއެވެ.
ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑްވަނީ ރޭ ކުޅުނު މެޗުވެސް ކާމިޔާބުކޮށް ލަލީގާގެ އެއްވަނައިގައި މަގާމު ދިފާއުކޮށްފައެވެ. ދެ ޓީމަށްވެސް ބާކީ ހަތް މެޗު އޮތްއިރު ބާސެލޯނާއަށް ތަށި ލިބެން އޮތީ ރެއާލް މެޑްރިޑުން ޕޮއިންޓެއް ނަމަވެސް ގެއްލުވާލައިގެންނެވެ.
ސެވިއްޔާ އަތުން ބާސެލޯނާއަށް މޮޅު ނުވެވުނު މެޗާއިއެކު ލަލީގާގެ ކޮންޓްރޯލް ލިބިފައިވަނީ ރެއާލް މެޑްރިޑަށެވެ. އެ މެޗަށްފަހު ބާސެލޯނާގެ ޑިފެންޑަރ ޖެރާޑް ޕީކޭ ބުނެފައިވަނީ ރެއާލް މެޑްރިޑް އަތުން ޕޮއިންޓްތަކެއް ގެއްލުމުގެ ފުރުސަތު ކުޑަކަމަށާއި، ސަބަބަކީ ވީއޭއާރް އަދި މެޗުގެ ރެފްރީންވެސް ރެއާލްއަށް އެހީތެރިވުން ކަމަށެވެ.
ރެއާލް ،މަޔޯކާ އަތުން ދޭއް ސުމަކުން މޮޅުވި މެޗަށްފަހު ކެޕްޓަން ރާމޯސް ބުނީ މިހާރު މީޑިޔާތަކުގައި އެންމެ އަޑުގަދަކޮށް ދެކެވެނީ ރެއާލް އެއްވަނައިގައި އޮތް ވާހަކަ ކަމަށާއި، މިކަމާއި ހިތްހަމަނުޖެހޭ މީހުންވެސް ގިނަކަމަށެވެ. އަދި ރެފްރީންގެ ވާހަކައާއި ވީއޭއާރުގެ ވާހަކަ މީގެ ކުރިން ނުދައްކާ މީހުން މިހާރު އެވާހަކަ ދެއްކުމުން ވަރަށް "ހިނި" އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
"މީގެ ކުރިން އެއްވެސް މީހަކު ނުދައްކާ ރެފްރީންގެ ވާހަކަ، އަހަރުމެން މެޗުތަކުން މޮޅުވާ ވާހަކަވެސް. ކުއްލިއަކަށް މި ހުރިހާކަމެއް މިއައި ސަބަބެއް ނުވިސްނުނު" ރާމޯސް ބުންޏެވެ.
ރާމޯސް ބުނީ ބޭކާރު ވާހަކަތަކާއި ކަންކަމަށް ސަމާލުކަން ނުދޭކަމަށާއި، އެޓީމްގެ ފޯކަސްއަކީ ކުރިއަށް އޮތް ހަތް މެޗު ކާމިޔާބުކޮށް ތަށި ޔަގީންކުރުން ކަމަށެވެ. މަޔޯކާ އަތުން މޮޅުވި މެޗުގެ ފަހު ހާފުގައި ޓީމް ފެނުނީ ވަރުބަލިކޮށް ކަމަށާއި އެއީ ގާތްގާތުގައި މެޗްތަކެއް ކުޅެން ޖެހުމުން ކަމަށް ވެސް އޭނާ ބުންޏެވެ.