ހިޔާ ފްލެޓްތައް ކުޑަވެގެން އެކަމަށް ފާޑުކިޔާ އެންމެނަށް، ވެދުން ސަލާމް!
މިދުވަސްވަރުގެ އެންމެ ހޫނުގަދަ ބަހުސަކީ ހިޔާ ފްލެޓްތަކުގެ ސައިޒާއި މެދު ކުރެެވޭ ބަހުސްތަކެވެ. އެއްބަޔަކަށް އެއީ އަލިފާން ފޮއްޓަކަށް ނުވަތަ ކުލަ ފޮއްޓަކަށް ވެއްޖެއެވެ. އަނެއްބަޔަކަށް އެތަނުގެ ސައިޒު ހަމަ ބަރާބަަރެވެ. އެއްބަޔަކު ބުނަނީ އެތަނުގެ ކުލި ހަ ހާސް ރުފިޔާއަށްވުރެ ބޮޑު ނުވާނެކަމަށެވެ. އަނެއް ބަޔަކަށް އެތަނުގެ ކުއްޔަކީ އެގާރަ ހާސް ރުފިޔާއެވެ.
ކޮންމެ އަކަސް އެއްކޮށް ނުނިމި ހުރި ފްލެޓްތަކެއް ދޫކުރުމަށް ސަރުކާރުން ތައްޔާރުވަމުން ދާއިރު، މިއީ ކުރީ ސަރުކާރުން އަޅާފައިވާ ފްލެޓްތަކެއް ނުވަތަ ޓަވަރުތަކެއް ކަމުން، "ކުރީ ސަރުކާރު" ބޮލަށް މީގެ ވެސް ހަޑި ދުއްވާލުމަކީ މި ސަރުކާރުގެ އިސްވެރިން ނުހަނު އުފަލާއެކު ކުރަން ބޭނުންވާނެ ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެނީ އެތަނުން ފްލެޓް ލިބޭ އެންމެނަށްވެސް ރައީސް ޔާމީންގެ ޚިދުމަތެއް ލިބިއްޖެކަމުގެ އިހުސާސް އެތައް ގޮތަކުން ކުރެވޭނެއެވެ. އެ އިހުސާސް ރައްޔިތުންނަށް ވިޔަ ނުދިނުމަކީ ސިޔާސީ ގޮތުން ބަލާއިރު މި ސަރުކާރުގެ އިސްވެރިން ކޮށްފާނޭ ކަމެކެވެ.
ފްލެޓްގެ ސައިޒު ކުޑަކަމަށް ބުނެ މީސް މީޑިއާގެ އެކި މަންސަތަކުގައި މި ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެންބަރުން އެކި ގޮތްގޮތަށް ވާހަކަ ދައްކަން ފެށީ އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފްލެޓްތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގެ ސަބަބުންނެވެ.
މިކަމުގައި އާންމު ރައްޔިތުން ތިބީ ހަނުއެވެ. އެމީހުން އެދި އެދި ތިބީ ބޯހިޔާވަހިކަމަށެވެ. އިއްފަތްތެރިކަމާއި އަބުރުވެރިކަމާއެކުގައި ދިރިއުޅެވޭނެ ހިޔާވައްސަކަށެވެ. މައިންނާއި ދަރިން ވަކި ކޮޓަރީގައި ނިދާލެވޭނެ ފަދައަކަށެވެ. ވޯޓު ހޯދަން ކޮންމެ ބަޔަކުވެސް އެ ރައްޔިތުންނަށް ދައްކަނީ މިފަދަ ހުވަފެންތަކެކެވެ. އަޅުވަނީ މި އަނދުންތަކެވެ.
އަޅުގަނޑާއެކު މާލޭގެ ކުއްޔަށް ދޭ ގެތަކުގެ ސައިޒާއި އަގުތައް ބަލާލުމަށް ވަޑައިގަންނަވާށެވެ. އެ ގެތަކުގައި ރައްޔިތުން ދިރިއުޅެމުންދާ ހާލު ބައްލާވެއްލުމަށް ހިންގަވާށެވެ. މާލޭގެ ރަށްވެހިން އެމީހުންގެ ގެތަކުގައި ދިރިއުޅެމުންދާ ހާލު ބަލާލުމަށް ހިންގަވާށެވެ.
އެ އާއިލާތައް ދިރިއުޅެމުންދަނީ ތިޔަ ވިދާޅުވާ ކޮތަރިކޮށިތަކުގައި ތިޔަށްވުރެ ބޮޑެތި ކުލިތަކެއް ދައްކައިގެންނެވެ. މައިންބަފައިންނާއި ބޮޑެތި ދަރިން ނިދަމުން ދަނީ އެއް ކޮޓަރިއެއްގައެވެ. ދެކޮޓަރީގެ ތަނަކަށް 16 ހާހަށްވުރެ ބޮޑެތި ކުލި ދައްކައިގެންނެވެ. ލިބޭ މުސާރަތަކުން ކުއްޔާއި، ބިލްތައް ދައްކާ ނިމޭއިރު އުނު އަންނައުނު ގަންނާނެ ފަދައެއްވެސް ނޯވެއެވެ. މަހުގެ ފަހުކޮޅު ކޮންމެވެސް އެކުވެރިއެއްގެ އަތުން 100 އެއްހާ ރުފިޔާ ނަގައިގެން ނޫނީ ފުއްދާނުލެވެއެވެ.
އެމީހުން އެތަނުގައި 40 އަހަރު އުޅުނަސް އެމީހުންނަކަށް އެތަން މިލްކެއް ނުވެއެވެ. ހަމަ ގޭވެރި ފަރާތަށް ކުލިދެއްކުން ފިޔަވާ ކުރާނެ އިތުރު ޚަރަދެއް ނޯވެއެވެ. އަދި ކިއެއްތަ އޭގެއިން ތަނެއް ކުއްޔަށް ހިފަން "އެޑްވާންސް" އާއި "ސެކިއުރިޓީ ޑިޕޮސިޓް" ބަހައްޓަން ޖެހެއެވެ.
މި ފަންތީގައި ދިރިއުޅެމުންދާ މީހުންނަށް އޮތީ ކޮން އުފަލެއް ހެއްޔެވެ؟ ހާސްކަމާއި ކަންބޮޑުވުމާއި، އާއިލީ މައްސަލަތަކާއި، އިޖުތިމާއީ މައްސަލަތަކުގެ ތެރެއިން އަރައިނުގަނެވި، ފަގީރުކަމާއި، ނިކަމެތިކަން އައިސް ދަރަނިވެރިވެ، ލޯނު ދައްކަން ޖެހުމުން އެ އާއިލާއަކަށް އޮންނާނީ ކޮން އުފަލެއް ހެއްޔެެވެ؟ ހާސްކަމާއި ކަންބޮޑުވުމަކީ މިއީ ނޫންތޯއެވެ؟
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރަތްކުރި ފްލެޓްތައް ރައްޔިތުންނަށް ދޫކުރުމުގެ ކުރިން އެކި ގޮތްގޮތުން އެތަން ތަނުގެ ބޭނުމެއް ނެތްކަން ދެއްކުމަށް ފަށާފައިވާ އެޖެންޑާ ދޫކޮށްލާން އެބަޖެހެއެވެ. އިމާރާތްކޮށް ނިމިފައިވާ ފްލެޓްތަކެއް ކުޑައޭ މެދޭ، ފަލައޭ ކިޔައިގެން ވާނެ ފައިދާއެއްވެސް ނެތެވެ. އެ ފްލެޓްތަކުގެ ހައްޤުވެރިން އެތިބީ ފްލެޓްތައް ދޫކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
އެ ފްލެޓްތައް ކުޑަޔަސް އެ ފްލެޓްތަކުގެ ވެރިން ދައްކާ ފައިސާއަކީ އެ ފްލެޓްތަކުގެ އަގެވެ. އެ އަގު ހަމަވުމުން އެ ފްލެޓެއް އެމީހަކަށް ލިބުނީއެވެ. އެހެންކަމުން މާލޭގެ ތަންތަން ކުއްޔަށް ހިފައިގެން އިމާރާތުގެ ވެރިންނަށް ޖިޒީ ދެއްކުމުގެ ބޮޑު ބަޔަކުން އެމީހުން ސަލާމަތްވީއެވެ.
ދެން އޮތީ ފްލެޓްތަކުގެ ކޮޓަރީގެ ސައިޒާއި ސިންކުގެ ސައިޒުގެ ވާހަކައެވެ. ކުޑަ އާއިލާއެއް ދިރިއުޅެއް އެ ކޮޓަރިތައް ކުޑައެއް ނޫނެވެ. ބެޑްރޫމް ސެޓެއް އެތަނުގައި ރާވާލާފަ ކުޑަ ޖާގަކޮޅެއް ލިބެއެވެ. ސިންކު ކުޑަނަމަ ބޮޑު ސިންކެއް ހަރުކުރުމަކީ ފްލެޓް ލިބޭ މީހާގެ އަތްމަތީގައި އޮތްކަމެކެވެ. މިތަން ތަން ކުޑަ ނަމަ ލަގްޒަރީ އެޕާޓްމެންޓުތަކުން އެޕާޓްމެންޓެއް ތިޔަ ފާޑު ވިދާޅުވާ ބޭފުޅުން ބައްލަވައި ގަންނާށެވެ.
ހަމަ ޔަޤީނުންވެސް އޭގެ ފްލެޓެއް ކުޑަވެގެން ފްލެޓް ދޫކޮށްލި ހަމަ އެކަކު ވެސް ނެތެވެ. އެންމެންވެސް ތިބީ އަމިއްލަ ފްލެޓެއް ލިބި ބޯހިޔާވަހިކަމެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. އެހެން ކަމުން ބަހަނާ ނުދައްކާ އަވަހަށް އެ ފްލެޓްތައް ޙައްޤުވެރިންނަށް ދޭށެވެ. އަދި ހިޔާ މަޝްރޫއުގެ ފުލެޓްތަކަކީ ކޮތަރުކޮށިތަކެއް ކަމަށް ވިދާޅުވާ ބޭފުޅުންނަށް ލިބިފައި މިއޮތް ފުރުސަތުގައި ތަނަވަސް ފްލެޓްތައް އަޅުއްވާ އަތްފޯރާ ފަށުގެ އަގުތަކެެެއްގައި ރައްޔިތުންނަށް ފުލެޓްތައް ދެއްވަންވީ ނޫންތޯއެވެ؟ ހައްގު މިންވަރަކީ ހަމައެކަނި ފާޑު ކިޔުންކަމަށް ނުހައްދަވާށެވެ.