ދުނިޔެ

މި ބައްޕަ ދުނިޔެ ދޫކުރީ ދެ ދަރިން ގެނބެމުން ދަނިކޮށް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ވޭލްސްގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާއެއްގައި ދެ ދަރިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ބައްޕައަކު މަރުވެއްޖެއެވެ.

Ads by Sosun Fihaara

އެ ދުވަހަކީ 36 އަހަރުގެ ޖޮނަތަން ސްޓީވަން އޭނާގެ އާއިލާ ގޮވައިގެން ވަގުތު ހޭދަކޮށްލުމަށް ގޮނޑުދޮށަށް ގޮސް އުޅުނު ދުވަހެކެވެ. އަދި އޭނާގެ ދެ ދަރިން އެ ދުވަހު އުޅުނީ "ޕެޑަލް ބޯޑް" ކުރަން ވެގެންނެވެ. އެހެން އުޅުމުގެ ތެރޭގައި ޖޮނަތަން އަށް އިވުނީ އޭނާގެ ދަރީންގެ ހަޅޭކުގެ އަޑެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޖޮނަތަން ވަނީ އަޑު އިވޭއިރަށް "އެއީ މަގޭ ދަރީންނޭ" ކިޔާ ގޮސް މޫދަށް ފުންމާލައިފައި ކަމަށެވެ.

އޭނާ މޫދަށް ފުންމާލައި މާ ގިނައިރުތަކެއް ނުވެ އޭނާ ވެސް އަޑިއަށް ދާން ފެށިއެވެ. އަދި އޭނާ ވަގުތުން ހަޅޭއްލަވައި އަތް ހޫރާ އެހީއަށް އެދުނެވެ. އެވަގުތު އެ މަންޒަރު ފެނުނީ އާއިލާއާއެކު އެތަނަށް އައިސް އުޅޭ "އޮފް ޑިއުޓީ" ކޯސްޓު ގާޑް އޮފިސަރު އެލެގްޒެންޑާ އަށެވެ.

އެލެގްޒެންޑާ ވަނީ މި މަންޒަރު ފެނުމާއެކު ކަމާބެހޭ ފަރާތްތަކަށް ގުޅައި 100 ފޫޓު ބޭރުން ކުދިންތަކެއް ގެނބެމުންދާ ކަމަށް ބުނެފައެވެ. އެހެން ނަަމަވެސް ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށްފަހު ބަލާލިއިރު އޭނާއަށް ފެނުނީ ޖޮނަތަން އަޑިއަށް ދާ ތަނެވެ.

ކަމާ ބެހޭ ފަރާތްތަކުން އެތަނަށް ވަގުތުން އައިސް ޖޮނަތަންގެ އަންހެން ދަރިފުޅާއި ފިރިހެން ދަރިފުޅު ވެސް ވަނީ ސަލާމަތް ކޮށްފައެވެ. އޭނާގެ ފިރިހެން ދަރިފުޅު ސަލާމަތް ކޮށްދިން މީހާއަށް ޝުކުރު އަދާ ކުރަމުން އެދުނީ އޭނާގެ ބައްޕަ ސަލާމަތް ކޮށްދިނުމަށެވެ.

ޖޮނަތަން ހޯދަން ކުރި މަސައްކަތުން އޭނާ ފެނުނީ އޮޔާ ދަނިކޮށްނެވެ. އޭނާ ފެނުމާއެކު އޭނާ ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. އެހެން ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް އޭނާ މަރުވެފައި ވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!