ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ފޯބްސް އާއި ކޮސްމޮޕޮލިޓަންގެ އެޑިޓަރުން ރާއްޖޭގައި

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ދުނިޔޭގެ މަޝްހޫރު މަޖައްލާތަކެއްގެ އެޑިޓަރުން ރާއްޖެ އަތުވެއްޖެއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ އެބޭފުޅުންގެ ދައުވަތަކަށް ރާއްޖެ އައިސްފައިވަނީ ރަޝިއާ އާއި ސީއައިއެސް ސަރަހައްދުގައި މަޝްހޫރު ނޫސްވެރިންތަކެއް ކަމަށެވެ.
އަދި މިއީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރުމަށް އެކި މާކެޓްތަކަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ފެމިލިއަރައިޒޭޝަން ޓްރިޕްތަކުގެ ތެރޭގައި ހިމެނޭ ދަތުރުތަކެއް ކަމަށް ވެސް ވިސްޓް މޯލްޑިވްސް އިން ބުނެއެވެ،
އަދި މިއީ ކޮމަންވެލްތް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް، ސީއައިއެސްގައި ހިމެނޭ ގައުމުތަކަށް އަމާޒުކޮށްގެން މި އަހަރު ގެންދާ ފުރަތަމަ ޓްރިޕް ކަން ވެސް އެ ފަރާތުން ފާހަގަކުރެއެވެ. އެ ސަރަހައްދުގައި ހިމެނޭ ޤައުމުތަކުގެ ތެރޭގައި ކަޒަކިސްތާންއާއި، އުޒްބަކިސްތާން އަދި ޔޫކްރެއިން ހިމެނެއެވެ.
އަދި މި ޓީމުގައި ދުނިޔޭގައި މަޝްހޫރު މަޖައްލާތައް ކަމަށް ވާ ފޯބްސް، ކޮސްމޯޕޮލިޓަން، އެސްކުއާ އަދި ހާޕާސް ބާޒާރުގެ ޗީފް އެޑިޓަރުން ހިމެނޭއިރު މި ޓީމު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެއެވެ.