ޚަބަރު

އާދަމް ޝަރީފްގެ ރައްދު ނަޝީދަށް: ލަކުނޑި ކާޅަކަށް ދޮންކޭލެއް ނުކެވޭނެ!

ވައުދުތައް އެންމެ ރަނގަޅަށް ފުއްދޭނީ އެކަން ކުރަން އެނގޭ ބަޔަކަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީއެއް ރޫޅިފައިވާ ކަމަށާއި އަދިވެސް ކަންކަން ކުރެވޭނީ ހަމައެކަނި އެމްޑީޕީ އަށް ކަމަށް އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ގިނަ ބަޔަކު އެދޭ ފަދަ ތަރައްގީއެއް މިހާތަނަށް ގެނެސްދިނީ ޕީޕީއެމްއިން ކަމަށާއި ވައުދުތައް އެންމެ ރަނގަޅަށް ފުއްދޭނީ އެކަން ކުރަން އެނގޭ ބަޔަކަށް ކަމަށެވެ. އަދި 2023ގައި ރާއްޖޭގައި ވެރިކަން ކުރާނީ ރައީސް އަބްދުﷲ ޔާމީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ލަކުޑި ކާޅަކަށް ދޮންކޭލެއް ނުކެވޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އިއްޔެ އެމްޑީޕީ އަށް ވަނީ 15 އަހަރު ފުރުމުގެ މުނާސަބަތުގައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީ އަށް ކަމަށެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ 15 އަހަރުގެ ހަޔާތުގައި ދެ ފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިފައިވާ ކަމަށާއި ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!