ދިރިއުޅެންވީ ރަމަޟާންމަހުގެ ފަހު ދުވަހުގެ ގޮތުގައި ، މާދަމާ ކަށްވަޅުގައި ޢީދު ކުރެވޭނީ އޭރުން
މިއަހަރުގެ ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 57 ދުވަހެވެ. ރަޙުމަތާއި ބަރަކާތުގެ މި މައްސަރާ ބައްދަލު ކުރުމަށް އަހަރެމެން މި ދަނީ އިންތިޒާރު ކުރަމުންނެވެ. އުއްމީދު ކުރަމުންނެވެ.
ރަމަޟާނާ ބައްދަލު ކުރުމުގެ ތައުފީގު ދެއްވި ބަޔަކަށް އޮތީ އުފާވެރި ކަމެވެ. ދަރުމައާއި ޘަވާބުގެ ދޮރުތައް މިނެއް ނެތި ހުޅުވިގެން ދާއިރު ތަގްވާގެ މަގުގައި އެމީހަކު ބޭނުންވި މިންވަރަކަށް ކުރިއަރައި ދާންވީއެވެ. އަހަރެމެންގެ މައްޗަށް އޮތީ އެމަހާ ބައްދަލު ކުރުމުގެ ތައުފީގު ދެއްވުން އެދި ދުޢާ ކުރުމާއެކު ނަފުސު އިޞްލާޙް ކުރުމުގައި ދެމި ހުރުމެވެ. ހެޔޮ ކަމެއް ނަމަ މާދަމާއަށް ފަސް ނުކުރުމެވެ.
ދުނިޔެއަކީ ތިން ދުވަހުގެ ތަނެކެވެ. އިއްޔެއާ މިއަދާއި މާދަމާއެވެ. އިއްޔެ އަތުން ބީވެފައިވާއިރު އެ ދުވަސް ބަދަލު ކުރުމުގެ އިޚްތިޔާރެއް އަހަރެމެންގެ އަތަކު ނެތެވެ. އޮތީ އިއްޔެގެ ތަޖުރިބާއިން މިއަދު ދިރިއުޅުމެވެ. އިއްޔެގެ ކުށްފާފަތަކަށް ތައުބާވެ މިއަދު ހެޔޮ ޢަމަލު ކުރުމެވެ. މާދަމާ އަކީ ހަމައެކަނި އުއްމީދެކެވެ. ޔަގީން ކަމެއް ނެތެވެ. އެފަދައިން ކުރިއަށް އޮތް ރަމަޟާންއަކީ ވެސް އަހަރެމެންގެ ކުރިމަތީގައި އޮތް އުއްމީދެކެވެ. އެ އުއްމީދު ޙާޞިލްވުމަށް އެދި ނިޔަތް ޚާލިޞް ކޮށްލާށެވެ. ތައުބާވެ ހެޔޮ ޢަމަލުތަކުގެ މަތީގައި މިއަދު ދިރިއުޅޭށެވެ. ރަމަޟާން މަހުގެ ފަހުު ދުވަސް ފަދައިންނެވެ. މާދަމާ ލޯ މަރާލަން ޖެހިއްޖެނަމަ ކަށްވަޅުގައި ޢީދު ކުރެވޭ ގޮތެއްގައެވެ. އެ ބިރުވެރި މަންޒިލަކީ އަމާން ތަނަކަށްވުމުގެ ނަސީބު ދެއްވާތޯއެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ
އަދި އެއްވެސް نفس އަކަށް، އެ نفس އެއް މާދަމާ ހޯދައިގަންނާނީ ކޮން ކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް نفس އަކަށް އެ نفس އެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ.