ސަރުކާރުގައި ތިބެގެން ވާހަކަ ނުދައްކާ ނަތީޖާ ނެރެވޭނެ ކަމެއް ކުރޭ، ނޫނީ އިސްތިއުފާ ދީ: އާދަމް ޝަރީފް
ސަރުކާރުގައި ތިބެގެން ޖިންސީ ގޯނާއަށް ފިޔަވަޅު ނޭޅޭތީ އެވާހަކަ ނުދައްކާ، ނަތީޖާއެއް ނެރެވޭނެ ކަމެއް ކުރުމަށާއި، ނޫންނަމަ އިސްތިއުފާ ދިނުމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ގޮވާލައްވައިފިއެވެ.
އާދަަމް ޝަރިފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ޖިންސީ ފުރައްސާރަ ކުރާ މީހުންގެ މައްޗަށް ހިމާޔަތް ދޭ ފަރާތްތަކުގެ މައްޗަށް ވެސް ޕީޕީއެމްގެ ވެރިކަމެއްގައި ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ހައްލު ނުލިބިގެން ވާހަކަ ދެއްކުމުގެ ބަދަލުގައި ނަތީޖާއެއް ނެރެވޭނެ ކަމެއް ނުކުރެވޭ ނަމަ އިސްތިއުފާ ދިނުމަށް ވެސް އާދަމް ޝަރީފު ކުރެއްވި ޓުވީޓުގައި ފާހަގަ ކުރައްވާފައި ވެއެވެ.
އާދަމް ޝަރީފު މިހެން ވިދާޅުވެފައި ވަނީ ޖިންސީ ގޯނާގެ ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމާ ގުޅިގެން ސަރުކާރުގެ ބައެއް އިސްވެރިން މިކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި މިކަމާ ގުޅިގެން ސަރުކާރަށާއި ޕީޖީއަށް ފާޑުކިޔުންތައް ވަނީ އަމާޒުވެގެން ގޮސްފައެވެ.
އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތެއް ކޮށް ދައުވާ އުފުލާފައި ވަނިކޮށް ރާއްޖެ ދޫކުރައްވާ ފުރާ ވަޑައިގަތް މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މިކަމުގައި ޢަމަލު ކުރައްވާފައި ވަނީ ރަނގަޅަށްތޯ ބަލައިދިނުމަށް އެދި ރައްޔިތުން މަޖިލީހުގެ 4 އަންހެން މެންބަރަކު ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދަންނަވާފައެވެ.
އެނގިފައިވާ ގޮތުގައި މިކަމަށް އެދިވަޑައިގެންފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.
ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކުރުމާއެކު، އޭނާ ވަނީ ރާއްޖެއިން ފުރާވަޑައިގެންފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.