ޔާމީންގެ މައްސަލަ ލަސްވާތީ ހައި ކޯޓްގެ ފަނޑިޔާރުންނާ ބައްދަލުކުރަން އިދިކޮޅުން އެދެފި
މަނީ ލޯޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު ޝަރީއަތުގައި ގޮތެއް ނުނިމި ލަސްވާތީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނާ ބައްދަލު ކުރުމަށް އިދިކޮޅު ކޯލިޝަނުން މިއަދު އެދިއްޖެ އެވެ.
އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއިކޮށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފައިވާއިރު އެ މައްސަލައަށް ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ވަމުން ދާތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ.
އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 24 ފެބްރުއަރީގައި ކަމަށްވާއިރު އޭގެ ފަހުން ތިން މަސް ވެފައިވާ ކަމަށާއި މިހާ ގިނަ ދުވަސް ވަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.
"ދަށު ކޯޓުން މިފަދައިން ސިޔާސީ ނުފޫޒުން ބޭއިންސާފުން ކޮށްފައިވާ ހުކުމެއް ކަމަށް އެތައް ހާސް ދިވެހި ރައްޔިތުން ގަބޫލު ކުރާ މައްސަލައެއްގައި ރައީސް ޔާމީން ކަފާލާތުގެ ދަށުން ވެސް ގެޔަށް ބަދަލުކުރުމުގެ ފުރުސަތު ނުލިބި އިސްތިއުނާފު މަރުހަލާ ދިގު ދެމިގެން ދިއުމަކީ ގައުމުގެ އަދުލު އިންސާފުގެ ދާއިރާއާ ދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެދި ގައުމުގެ ހަމަޖެހުމަށް އެކަމުގެ ސަބަބުން އަސަރު ކުރާނެ ކަމެއްކަން ފާހަގަ ކުރަން،" ސިޓީގައިވެ އެވެ.
ސިޓީގައި ބުނެފައި ވަނީ ކޮވިޑް19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ލޮކްޑައުންގައި ވެސް ހައިކޯޓުގެ މައްސަލަތައް ކުރިއަށް ގެންދިޔައިރު ފަސް އަހަރުގެ ރިޔާސީ ހިދުމަތްތެރި ދައުރެއް ފުރިހަމަ ކުރެއްވި، އަދި މިހާރުގެ އިދިކޮޅު ލީޑަރަށް އިންސާފު ނުލިބި ޖަލުގައި ހުންނެވުމަކީ އެތައްހާސް ރައްޔިތުންގެ މަސްލަހަތާ ގުޅިފައި އޮތް ކަމެއް ކަމަށެވެ.