ސަފާރީ ރޭޕްކުރި ކަމަށް ތުހުމަތުވާ މީހުން ދޫވީ މެމްބަރެއްގެ ނުފޫޒުން ކަމަށް ނުދެކެން އެދެން: ނަޝީދު
ހުޅުމާލެ ފަޅު ތެެރޭގައި އޮތް ސަރާފީއެއްގައި މިދިޔަ ހުކުރު ދުވަހުގެރޭ ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވާ މީހުން ދޫވީ މަޖިލީހުގެ މެމްބަރެއްގެ ނުފޫޒުން ކަމަށް އެއްވެސް ރައްޔިތަކު ނުދެކުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދި ވަޑައިގެންފިއެވެ.
ނަޝީދު މިހެން ވިދާޅުވީ އެ މައްސަލާގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވުމާ ގުޅިގެންނެވެ.
މި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރޭޕް ކޭސްގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން ދޫވީ އެތަނުން އެކަކަކީ މަޖިލީހުގެ އަންހެން މެމްބަރެއްގެ ފިރިކަލަކަށް ވުމުން ކަމަށް ވާހަކަ ދައްކަވަމުން އަންނަނީ ވާދަވެރި ޕާޓީތަކުގެ މެމްބަރުން ކަމަށެވެ.
"އެއް ނަޒަރަކުން ދެކޭ ދެކުމުގައި މެމްބަރެއްގެ ފިރިކަލެއް ކަމުން އެ ތުހުމަތު ކުރެވުނު މީހާ ދޫކޮށްލެވުނީ. އެ ދޫކޮށްލެވުން ހިނގައި ދިޔައި އެ ސަބަބަށް ޓަކައި ކަމަށް މި ހާމަ ކުރަނީ މި ދެންނެވި މެމްބަރުގެ ޕާޓީއާ ވާދަވެރި ޕާޓީތަކުގެ މެންބަރުން." ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އަނިޔާ ލިބުނު ފަރާތުން އެއްވެސް މައުލޫމާތެއް ފޯރުކޮށްދީފައިނުވާނެ ކަމަށާއި މީޑިއާގައި އޭނާގެ ފޮޓޯ ހާމަކޮށް ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވާ ކަމަށެވެ.
އެ ބަޔާނަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ދޫކޮށްލާފައިވަނީ އެއިރަށް އޮތް ކުރަން އޮތް މިންވަރަށް ތަހުގީގު ކުރުމަށް ފަހުގައި ކަމަށް ފުލުހުން ބުނާ ކަމަށެވެ. އެއީ މަޖިލީހުގެ މެމްބަރެއްގެ ފިރިކަލަކަށްވާތީ މެމްބަރު ނުފޫޒު ފޯރުވައިގެން ކަމަށް ފުލުހުން ނުބުނާ ކަމަށެވެ.