ލައިފްސްޓައިލް

ތަލަ ވަނީތަ؟ ހިކަނދިފަތުން ހަމައެކަނި ރިހަ ނުކައްކާ، ބޮލަށް ވެސް ބޭނުން ކޮށްބަލަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލުން އިސްތަށި ފައިބާ ތަލަވުމަކީ ހަމައެކަނި އުމުރުން ދުވަސްވާ މީހުންނަށް ކުރިމަތިވާ ކަމެއް ނޫނެވެ. އެތައް ޒުވާނުންނަކަށް ވެސް މިކަމާއި ކުރިމަތިލާން ޖެހެއެވެ.

މިކަމުގެ ޙައްލެއްގެ ގޮތުގައި އެތައް ބައިވަރު އަގުބޮޑު ސާމާނެއް ގިނަ މީހުން ބޭނުން ކުރެއެވެ. ނަމަވެސް ހަގީގަތުގައި މިއީ ވަރަށް ފަސޭހައިން ހައްލުކުރެވޭނެ ކަމެކެވެ.

ބޮލުގެ އިސްތަށިގަނޑު ވަރުގަދަކޮށް، އިސްތަށި އިތުރަށް ފަޅުވަން ބޭނުންނަމަ ހިކަނދިފަތަކީ ވަރަށް ފައިދާހުރި އެއްޗެކެވެ. އެގޮތުން ހެއާރ ޓޮނިކް އެއްގެ ގޮތުގައި އާއި ހެއާރ މާސްކެއްގެ ގޮތުގައި ވެސް ހިކަނދިފަތް ބޭނުން ކުރެވިދާނެއެވެ.

▪︎ ހެއާރ ޓޮނިކް

° ބޭނުންވާނެ ތަކެތި

• ހިކަނދިފަތް (އަތު މުށެއްހާ ވަރު)

• 2-3 މޭޒުމަތީ ސަމުސާ ކާށިތެޔޮ

° ތައްޔާރު ކުރާނެ ގޮތް

• ތަވަޔަކަށް ކާށިތެޔޮ އެޅުމަށްފަހު އޭގެ ތެރެއަށް ހިކަނދިފަތްކޮޅު އަޅާލާށެވެ.

• ދެން ފަތްތަކުގެ ކައިރިފަށަށް ކަޅު ކުލަ އަރަންދެން ހޫނު ކޮށްލާށެވެ. އުނދުނާއި އެހާ ބޮޑަށް ކައިރީގައި ނުހުރުމަށް ސަމާލުކަން ދޭން ވާނެއެވެ. މާބޮޑަށް ކައިރީގައި ހުރެއްޖެނަމަ ގަޔަށް ތެޔޮ ބުރާފާނެއެވެ.

• ފަތްތަކުގެ ކައިރިފަށަށް ކަޅު ކުލަ އެރުމުން އުނދުން ނިވާލާފައި ހިހޫ ވަންދެން ބަހައްޓާށެވެ.

• ހިހޫ ވުމުން ތެޔޮފޮދު ފުރާނާލާފައި، ފަތްތަކާއި ވަކިކޮށްލާށެވެ.

• އެތެޔޮފޮދު ނުވަތަ ޓޮނިކް ބޮލުގައި ރަނގަޅަށް މަސާޖު ވާނެހެން އުނގުޅާލާށެވެ. އަދި އެއްގަޑިއިރު ވަރު ވަންދެން ބެހެއްޓުމަށްފަހު ޝޭމްޕޫ ލައިގެން ބޯ ދޮވެލާށެވެ.

ހަފްތާއަކު 2 ނުވަތަ 3 ފަހަރު މިފަދައިން ބޮލުގައި ހިލަނދިފަތް ޓޮނިކް ހާކަން ވާނެއެވެ.

▪︎ ހެއާރ މާސްކް

° ބޭނުންވާނެ ތަކެތި

• ހިކަނދިފަތް (އަތު މުށެއްވަރު)

• 2-3 މޭޒުމަތީ ސަމުސާ ޕްލެއިން ޔޯގަޓް ނުވަތަ ކިރު

° ތައްޔާރު ކުރާނެ ގޮތް

• އެންމެ ފުރަތަމަ ހިކަނދިފަތްކޮޅު ބްލެންޑަރަކުން (ޕޭސްޓަކަށް ވާވަރަށް) މުގުރާލާށެވެ.

• އެއަށްފަހު ޔޯގަޓްކޮޅުގެ ތެރެއަށް ހިކަނދުފަތް ޕޭސްޓުކޮޅު އެއްކޮށްލާފައި މުޅި ބޮލުގައި އެއްކޮށް އުނގުޅާލާށެވެ.

• 30 މިނެޓު ވަންދެން ބޮލުގައި މިމާސްކު އަޅާފައި ބެހެއްޓުމަށްފަހު ޝޭމްޕޫ ލައިގެން ބޯ ދޮވެލާށެވެ.

• ހަފްތާއަކު އެއް ފަހަރު ބޮލުގައި މިމާސްކު އަޅަންވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!