ބޮޑުފުށިން ގިނަ އަދަދެއްގެ ބިދޭސީންތަކެއް ކާނާ ވިހަވެގެން ފަރުވާއަށް އުނގޫފާރަށް ގެންގޮސްފި

ރ. ބޮޑުފުށީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު، ކާނާ ވިހަވެގެން އެއަތޮޅު އުނގޫފާރަށް ގެންގޮސްފިއެވެ.
އުނގޫފާރު ކައުންސިލު މެމްބަރ ޙުސެއިން އާސިފް "ދެން" އަށް މައުލޫތު ދެއްވަމުން ވިދާޅުވީ މިރޭގެ އިރާކޮޅުގެ ވަގުތެއްގައި ބޮޑުފުށިން 68 ބިދޭސީއަކު ހާލު ދެރަވެގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށެވެ.

"އޭގެ ތެރެއިން ބައެއް މީހުންނަށް ބަނދަރުމަތީގައި ވެސް ފަރުވާ ދިން، އެއީ އެހާ ގިނަ އަދަދުގެ މީހުންވީމަ ރަށަށް އެއްފަހަރާ ގެންނަން ލަސްވުމާ ގުޅިގެން އެވަގުތު ދެވެން ހުރި ފަރުވާ ދިނުމަށް. ކާނާ ވިހަވެގެން ކަމަށް ބޮޑަށް ލަފާ ކުރެވެނީ. ގެނައި މީހުންތަކުގެ ތެރެއިން ހަތް މީހެއްގެ ހާލު ވަރަށް ދެރަވުމާ ގުޅިގެން އެމީހުން ހޮސްޕިޓަލުގައި އެޑްމިޓު ކުރުމަށްފަހު އަދިވެސް ދަނީ ފަރުވާ ދެމުން. ބާކީ ތިބި 61 މީހުންނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ފުރުވާލެވިފަ ރިސޯޓަށް" އާސިފް ވިދާޅުވިއެވެ.
ކައުންސިލު މެމްބަރ ވިދާޅުވީ ކާނާ ވިހަވެގެން ބޮޑުފުށިން ހާލު ދެރަވެގެން ގެންދިޔައީ ތުރުކީއާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ބިދޭސީ ފިރިހެނުންތަކެއް ކަމަށެވެ.
"ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ޕަބްލިކް ހެލްތު ޔުނިޓުގެ ޓީމެއް ވެސް މިހާރުވަނީ ބޮޑުފުއްޓަށް ފުރާފަ. އެއީ މިކަހަލަ ކަންކަމަކީ ރަނގަޅަށް ނުބަލާ ދޫކޮށްލުން ރަނގަޅު ނޫން ކަންކަމަށްވާތީ" އާސިފް ވިދާޅުވިއެވެ.