ދުނިޔެ

ކޮވިޑް-19: އުމުރުން ދުވަސްވީ އަންހެނަކު ހޮސްޕިޓަލެއްގެ ހަޑިވެފައިހުރި ބޭސްމަންޓެއްގައި އޮވެ މަރުވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

މުމްބައި: އިންޑިއާގެ އަނދޭރީ އިސްޓުގެ ހޮސްޕިޓަލެއްގެ ބޭސްމަންޓުގައި އުމުރުން ދުވަސްވީ އަންހެނަކު މަރުވެއްޖެއެވެ.

Ads by WAMCO

ރިޕޯޓުތަކުން ބުނާގޮތުގައި ހާޝިރް ހޮސްޕިޓަލު އެންޑް އައިސީޔޫ އަށް އޭނާ ގެންދެވުނީ ވަރަށް ބޮޑަށް ބަލި ހާލުދެރަވެގެނެވެ. ނަމަވެސް އޭނާގެ ގައިގާ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިތޯ ބެލުމަށް އެއްވެސް ޓެސްޓެއް ވެސް އެއިރު ނުހަދާ ކަމަށާއި އުމުރުން 62 އަހަރުގެ އެއަންހެނުން ބާއްވާފައި އޮތީ މަތިން ފެންވެސް ފައިބަމުން ދިޔަ ހަޑިތަނެއްގައި ކަމަށް ބުނެ އަންހެން މީހާ މަރުވިފަހުން އޭނާގެ އާއިލާއިން މައްސަލަ ޖައްސައިފިއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ހާޝިރް ހޮސްޕިޓަލަށް އެއަންހެންމީހާ ގެންދިޔައީ ވެސް އެހެން އެއްވެސް ހޮސްޕިޓަލެއްގައި އޭނާ އެނދުމަތި ކުރަން ދެކޮޅު ހެދުމުނެވެ. އެހޮސްޕިޓަލުތަކުންް ބުނެފައިވަނީ ކޮވިޑް އަށް ޓެސްޓު ނުކޮށް އެތަންތަނުގައި އެނދުމަތި ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް އޭނާއަކީ ކޮވިޑް އަށް ފައްސިވެފައިވާ މީހެއްކަން ފަހުން ހާޝިރު ހޮސްޕިޓަލުން ނެގި ސާމްޕަލްތަކުގެ ނަތީޖާއިން ވަނީ ދައްކާފައެވެ.

"އެހޮސްޕިޓަލުގެ އެއްވެސް ސްޓާފަކު މަންމަގެ ހާލުބަލާ މަންމަ އަށް އަޅާލަން ދިޔަ ކަމެއް ވެސް އެނގިފައެއް ނުވޭ. މަންމަ ބާއްވާފައި އޮތީ ބޭސްމަންޓުގައި. އެތަނަށް ހުރީ ސީލިންގުން ފެން ފައިބަ ފައިބާ. އެއްވެސް މީހަކު އެފެންތައް ފުހަން ވެސް ނުދޭ. ހަމައެކަނި ފެންތަކު މަތީގައި އަޅާފައި ހުރީ ކާޑުބޯޑު ފޮށިތަކެއް" މަރުވި އަންހެން މީހާގެ ފިރިހެން ދަރިފުޅު ބުނެފައިވެއެވެ.

މިމަހުގެ 6 ވަނަ ދުވަހުގެ 6:30 ހާއިރު ހޮސްޕިޓަލުން އަންހެންމީހާގެ އާއިލާއަށް ގުޅާ، އަންހެން މީހާ މަރުވެއްޖެ ކަމުގެ ޚަބަރު ވަނީ ދީފައެވެ. އަދި ބިލަށް 65،000 ރުޕީސް ދިނުމަށާއި ބޮޑީބޭގެއް ގަތުމަށް ބުނި ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ.

އަންހެންމީހާގެ އާއިލާއިން ކޮށްފައިވާ މިތުހުމަތުތަކަށް ހާޝިރު ހޮސްޕިޓަލް އެންޑް އައިސީޔޫ އިން ވަނީ ދެކޮޅު ހަދާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!