ދީން

ފިރްޢައުނުދެކެ ޖިބްރީލްގެފާނު އިންތިހާއަށް ނަފްރަތު ކުރެއްވި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޢުމަރު ސުލައިމާނު، އޭނާގެ ދަރުހެއްގައި ކިޔައިދެއްވާފައި ވެއެވެ.

Ads by Hajj Corporation

"ތަޤްވާވެރި ނޫން މީސްތަކުން މަރުވުމުން އެމީހުންގެ މޫނުމަތީގައި މަލާއިކަތް ބޭކަލުން ވަރަށް ބާރަށް ޖައްސަވާނެއެވެ.

ފިރުޢައުނު މަރުވުމުން، ޖިބްރީލް ޢަލައިޙިއްސަލާމް އޭނާގެ މޫނުމަތީގައި އިތުރަށް އެއް ފަހަރު ޖެއްސެވިއެވެ. އެއީ އޭނާ ދެކެ ޖިބްރީލުގެފާނު އިންތިހާއަށް ނަފްރަތު ކުރައްވާތީއެވެ.

ޖިބްރީލުގެފާނު ފިރްޢައުނު ދެކެ އިންތިހާއަށް ނަފްރަތު ކުރައްވަނީ ކީއްވެކަން އެނގޭ ހެއްޔެވެ؟ އެއީ މޫސާ އަލައިޙިއްސަލާމް އަރިހުގައި، ޖިބްރީލުގެފާނާ ދިމާލަށް ފިރުޢައުނު އެއްޗެހި ކިޔުމުންނެއް ނޫނެވެ.

އެކަލޭގެފާނު ފިރުޢައުނު ދެކެ ނަފްރަތު ކުރައްވަނީ، ފިރުޢައުނު އަބަދުވެސް މާތް ﷲ އަށް ގޮންޖައްސަވާ، އޭނާއަކީ އެންމެ މަތިވެރި ކަލާނގެ ކަމުގައި ބުނަމުން ދިޔުމުންނެވެ.

ރަސޫލާ (ޞޢޥ) އަރިހު ޖިބްރީލް އަލައިޙިއްސަލާމް ވިދާޅުވިއެވެ. 'ތިމަންކަލޭގެފާނު އޭނާ (ފިރުޢައުނު) ދެކެ ނަފްރަތު ކުރަމެވެ. އެއީ އަބަދުމެ އޭނާ ބުނަމުން ދިޔައީ އޭނާއަކީ ކަލާނގެ ކަމަށާއި އެންމެ މަތިވެރި ކަލާނގެ ކަމުގައެވެ.'

ކޮންމެ ފަހަރަކުމެ ފިރުޢައުނު ތެދުވެ، ތިމަންނާއަކީ މަތިވެރި ވެގެންވާ ކަލާނގެ ކަމުގައި ބުނުމުން، އޭނާ ދެކެ ޖިބްރީލުގެފާނު އިންތިހާއަށް ނަފްރަތުކޮށް، އެނަފްރަތު އިތުރުވިއެވެ.

ފިރުޢައުނުގެ އެބަސްތަކުން ޖިބްރީލުގެފާނު ކޯފާ އިސްވިވަރު ހާމަ ކޮށްދޭ އެއް ހެއްކަކީ، މާތް ނަބިއްޔާ (ޞޢޥ) އަރިހަށް ﷲ ސުބްޙާނަހޫ ވަޠައާލާ ގެ ވަޙީ ބަސްފުޅައިގެން ޖިބްރީލުގެފާނު ބިމަށް ފައިބާ ވަޑައިގަންނަވާއިރު، އެކަލޭގެފާނު ވިދާޅުވަނީ.. 'އެންމެ މަތިވެރި ވެގެންވާ އިލާހު ވަޙީ ކުރައްވަނީ..' މިފަދައިންނެވެ."

މީގެއިތުރުން އެހެން ހާދިސާއެއް ވެސް އުމަރު ސުލެއިމާނު ކިޔައިދެއްވާފައި ވެއެވެ.

"އެއްދުވަހަކު ރަސޫލާ (ޞޢޥ) އަރިހަށް ޖިބްރީލްގެފާނު ވަޑައިގެން ވިދާޅުވިއެވެ. .ފިރުޢައުނު މިދުނިޔެއިން ނެތިގެންދިޔަ ދުވަހު ކަލޭގެފާނަށް ތިމަން ފެނުނުނަމައެވެ. އެކަލޭގެފާނު އެއީ ކީއްވެތޯ ސުވާލު ކުރެއްވުމުން ޖިބްރީލް އަލައިޙިއްސަލާމް ވިދާޅުވިއެވެ.

'ކަނޑުގެ އަޑިއަށް ފިރުޢައުނު ގެނބެމުން ދިޔަ ވަގުތު، ތިމަންކަލޭގެފާނު ކަނޑުއަޑިން މަށިފަސް ނަގާ ފިރުޢައުންގެ އަނގައަށް ލައްވަމުން ދިޔައީމެވެ. އެއީ އޭނާ މަރުވުމުގެ ކުރިން لا إله إلا الله ކިޔައި ތައުބާ ވެދާނެތީއެވެ. އަދި މާތް ﷲ އޭނާގެ ފާފަތައް ފުއްސަވާ ދެއްވަވާފާނެތީއެވެ.'

ހަމަކަށަވަރުން ވެސް އެހެން އެއްވެސް ފަރާތަކަށް ވެސް މާތް ﷲ މަޢުރިފާ ކުރެވޭ ވަރަށްވުރެ ބޮޑަށް ޖިބްރީލްގެފާނަށް މަޢުރިފާ ކުރެއްވޭނެއެވެ. އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެކަން އެންމެ މޮޅަށް ދެނެވަޑައިގަންނަވާ އެއްފަރާތަކީ އެކަލޭގެފާނެވެ. އެހެންކަމުން ފިރްޢައުނު ފަދަ ނުބައި މީހެއްގެ ތައުބާ ވެސް އެކަލާނގެ ޤަބޫލުފުޅު ކުރައްވަވާނެކަން އެކަލޭގެފާނު ދެނެވަޑައިގެންނެވިއެވެ."

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!