ޤަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ނުވެގެން އުޅެނީ ކީއްވެ؟
ޤަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުނުވެ އިތުރަށް ގޯސްވެފައިވަނިކޮށް ކޮވިޑް19 ލައިގަތުމާއި އެކު ބިދޭސީންގެ މައްސަލަ އިތުރަށް ވަނީ ގޯސްވެފައެވެ. މީގެ ކުރިން ބިދޭސީންގެ މައްސަލަ އިހުސާސް ނުވާހާ ބޮޑަށް ގިނަ ބަޔަކަށް އިހްސާސް ކުރަން މިވަނީ ޖެހިފައެވެ. "ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނުހެން" ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން އިތުރު ބުރަ ކަމެއް ސަރުކާރަށް ލިބިގެން ދިޔައެވެ.
"ޤަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ނުވެގެން އުޅެނީ ކީއްވެ؟" މިއީ ހުރިހާ އިރެއްގައިވެސް ހުރިހާ ސަރުކާރެއްގައިވެސް ކުރިމަތި ކުރުވާ ސުވާލެކެވެ. އެކި ވެރިކަމުގައި އެކި މީހުންގެ ބޮލުގައި މިކަމުގެ ޒިންމާ ވަނީ އަޅުވާފައެވެ. މިމައްސަލާގައި ދާދިފަހުން މޯލްޑިސް އެސޯސިއޭޝަން ފޯ އެމްޕލޯއިމަންޓް އެޖެންސީސް ވަނީ ވާހަކަ ދައްކާފައެވެ. އެޖަމިއްޔާގެ އިސް ބޭފުޅަކު ވިދާޅުވީ "ހަމައެއް އުސޫލެއް ނެތި ކޮންމެ މީހަކު ރެކްރޫޓު ކުރުމުގެ ނަތީޖާއަކަށް ވެގެން ގޮސްފައިމިވަނީ އިންސާނީ ވަގުވިޔަފާރި ރާއްޖޭގައި އާންމުވުން" ކަމަށެވެ. އަދި ނަތީޖާ އަކީ "އެތައް ބިދޭސީންނެއް ޤަވާއިދާ ޚިލާފަށް އުޅެންފެށުން،" ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.
މޯލްޑިސް އެސޯސިއޭޝަން ފޯ އެމްޕލޯއިމަންޓް އެޖެންސީސް އިން ބުނާ ގޮތުން "ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގެ ކަންކަމުގެ އިހުމާލު އެޖެންސީތަކުގެ ބޮލުގައި އަޅުވާއިރު ރާއްޖެއަށް އެތެރެވާ ބިދޭސީންގެ 25% ވެސް އެތެރެވަނީ އެޖެންސީ މެދުވެރިވެގެންނޫން،" ކަމަށެވެ.
ރާއްޖޭގެ ބިދޭސީން ޤަވައިދާ ހިލާފަށް އެތެރެ ވުމުގެ މައްސަލަ ގޮސް ފެށެނީ އެންމެން ދަންނަ "އޯޕަން ވިސާ" އިންނެވެ. "އޯޕަން ވިސާ" އަކީ ކޮންމެ މީހަކަށްވެސް ބިދޭސީން ގެނައުމުގެ މަސައްކަތް ކުރެވި ވިސާ ހޯދުމަށް ޖަހާ ސަކަރާތަކެވެ. މި އޯޕަން ވިސާ ގެ ސަކާރާތް ހުއްޓުވުމަށް މީގެ ކުރިން ވަނީ ޤަވައިދެއް ހަދާފައެވެ. އެއީ 2016 ވަނަ އަހަރު އެކުލަވާލާފައިވާ "ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ބެހޭ ޤަވައިދު 2016" އެވެ. 01 އެޕްރިލް 2019 އިން ފެށިގެން ޤަވައިދަށް އަމަލުކުރަންފައްޓާނެ ކަމަށް ދިވެހި ސަރުކާރުގެ ގެޒްޓްސް ގެ ވޮލިއުމް 47، އަދަދު 218 (31 ޑިސެމްބަރ 2018) ގައި ޝާޢިޢު ކުރުމަށްފަހު އެޤަވާއިދަށް މިއަދާއި ހަމައަށްވެސް ޢަމަލު ކުރުމަށް ފަށާފައެއް ނުވެއެވެ. މިޤަވައިދަށް ޢަމަލު ކުރަން ފެށުމުން ކޮންމެ ކޮންމެ މީހަކަށް ބިދޭސީން ގެނެސް މާލެ ތެރެއަށް ދޫކޮށްލުން ނިމުމަކަށް ގެނައުން އެއީ އެޤަވައިދު އެކުލަވާލި އެންމެ ބޮޑު މަޤްސަދެވެ. އެހެނަސް އަދިވެސް ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ބެހޭ ޤަވައިދު 2016 އަށް ފުރިހަމަޔަށް ޢަމަލު ނުކުރުމެ ސަބަބުން އެޖެންސީތަކުގެ އެތައް ހައްގެއް ގެއްލި، އެޖެންސީތަކާއި ސަރުކާރަށާއި އަދި ކަމާގުލޭ އެހެނިހެން ފަރާތްތަކަށްވެސް މިކަމުގެ ގެއްލުން މިދަނީ ކުރަމުންނެވެ.
ބިދޭސީންގެ މައްސަލާ ފެށޭ އަނެއް ހިސާބަކީ ދެ މީހަކު އެކުވެގެން އުފައްދާ "އެޖެންސީ" ތަކެވެ. ބޮޑު ޕްރޮޖެކްޓެއް ލިބުމާއި އެކު ކުރިން އަވަސްވެގަންނަނީ ބިދޭސީން ގެންނަން ކޯޓާ ހައްދާށެވެ. އެހެނަސް މިހާރު އުފައްދަނީ ނުރަސްމީ "އެޖެންސީ" ތަކެވެ. މިދެންނެވި އެޖެންސީ ތަކުން ހިންގާ ޤާނޫނާއި ހިލާފް ކަންތައްތަކަށް ފިޔަވަޅު ނޭޅުމުގެ ނަތީޖާއަކީ އިންސާނީ ވަގު ވިޔަފާރި ފުޅާވެ ރަށުތެރެއަށް މިދެންނެވި އެޖެންސީތަކުން މީހުން ގެނެސް މަގުތަކަށް ދޫކުރުން އިތުރުވުމެވެ.
މިމައްސަލަ ސާފުކޮށްދެއްވަމުން މޯލްޑިސް އެސޯސިއޭޝަން ފޯ އެމްޕލޯއިމަންޓް އެޖެންސީސް މުހިންމު ވާހަކަ ތަކެއް ހިއްސާ ކުރިއެވެ. އެޖަމިއްޔާއިން ވިދާޅުވީ ޤާނުނާއި ޤަވާއިދާ ޚިލާފަށް ބައެއް އެޖެންސީތަކުން ފާއިތުވި ތަނުގައި ޢަމަލުކޮށްފައި ހުރިކަން މިނިސްޓްރީގެ ރެކޯޑްސްތަކުން ފެންނަން ހުންނާނެކަމަށާއި އެޖެންސީތަކާއި މެދު ޤާނޫނީ ފިޔަވަޅު ނޭޅިތާންގައި އިދާރީ ފިޔަވަޅެއްވެސް ޢަޅާފައެއް ނުވާކަމަށެވެ. މިގޮތުން އެފަދަ އެޖެންސީތަކަށް މިހާރުވެސް ބަރާބަރަށް ޚިދުމަތް ދެމުން ގެންދާ ކަމަށާއި ހަމައެހެންމެ އެޖެންސީ ލައިސަންސް ހަމަވެފަ ހުރި އެޖެންސީތަކާއި، ޤަވާއިދުގައިވާ ގޮތަށް އޮފީހާއި އެޖެންސީގެ އެހެނިހެން ޚިދުމަތް ތަރުތީބުވެފައި ނެތް އެޖެންސީތަކަށްވެސް ގެންދަނީ ޚިދުމަތް ދެމުންކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.
"އެ ޤަވާއިދަކަށް ޢަމަލުކުރަން ވަކި ދުވަހެއް ކަޑައެޅުމަށްފަހު އެޤަވާއިދުގެ ވަކިބަޔަކަށް ޢަމަލުކޮށް ވަކިބަޔަކަށް ޢަމަލު ނުކުރުމަކީ ޤާނޫނީ ޢަދުލުވެރި ވެރިކަމާ ބީރައްޓެހި އަދި އެގޮތަށް ޢަމަކު ނުކުރެވޭނޭ ކަމެއް. މުޅިޤަވާއިދަށް ޢަމަލުކުރުމުގެ ބަދަލުގައި ޤަވާއިދުގެ ވަކި ވަކި މާއްދާތަކަށް ޢަމަލު ކުރުމުން ގިނަ ގުނަ އިޖްތިމާޢީ މައްސަލަތަކެއް ފެންމަތިވެ އެތައްބަޔެއްގެ ހައްޤުތަކެއް ގެއްލެމުންދާ"ކަމަށް މޯލްޑިސް އެސޯސިއޭޝަން ފޯ އެމްޕލޯއިމަންޓް އެޖެންސީސް އިން ފާހަގަ ކުރެއެވެ.
މިޤަވައިދު ތަންފީޒު ކުރެވޭނަމަ ރާއްޖެއަށް ރެކުރޫޓް ކުރަންޖެހޭނީ އެޖެންސީތައް މެދުވެރިވެގެންނެވެ. ނަމަވެސް މިއަދާއިހަމަށް ބޭނުން ކޮންމެ ފަރާތަކުން ދަނީ ރެކްރޫޓް ކުރުމުގެ ހުއްދަ ލިބިފައެވެ. އެހެންކަމުން ބިދޭސީން މައްސަލަ އިތުރަށް ގޯސްވެ ބިދޭސީންގެ ދަފްތަރު ހެދުމަށްވެސް ވަނީ އެތައް ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރަން ބޭނުންނަމަ މައްސަލަ ފެށޭ ހިސާބުން ހައްލު ގެންނަން ޖެހެއެވެ. އެގޮތުން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ބެހޭ ޤަވައިދު އިސްލާހު ކުރަންޖެހޭނަމަ އެހިސާބުން ފަށާ އެޖެންސީތައް ހިންގުން ހަރުދަނާކޮށްގެން ނޫނީ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ނާންނާނެއެވެ. އެހެން ނޫނީ ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ޤައުމަށް ފޮނުވާއިރު އަނެއް ދޮރުން އަނެއް ބިދޭސީ މީހާ "އޯޕަން ވިސާ" ނިވަލުގައި ޤައުމަށް ވަންނާނެއެވެ. އޭރުން ފޫގޮސްފައިވާ ލޯވަޅު ބަންދުނުކޮށް އެ ހިއްކެނީ ދިޔަވަމުންދާ އޮޑިއެވެ.