ރާއްޖޭގެ ވިޔަފާރިތަކުން ލިބޭ ޑޮލަރު ހިފަހައްޓަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ލިބޭ ޑޮލަރު ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ނުވަންނާތީ، އެކަން ހުއްޓުވުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މަނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހާރޫނު މިއަދު ހުށަހެޅުއްވި ގަރާރުގައި ވަނީ ރާއްޖޭގައި ވިޔަފާރިތަކުން ލިބޭ ޑޮލަރު ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ނުވައްދާ ބޭރުގެ ބޭންކްތަކަށް ޖަމާކުރާތީ ކަންބޮޑުވުން ފާޅުކޮށް، މިކަމުގައި ބޭރު ގައުމުތަކުގެ ޕީއޯއެސްް ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އަދި މިގޮތުން 2019 ވަނަ އަހަރު ރާއްޖޭގައި 4.1 ބިލިޔަން ޑޮލަރުގެ ވިޔަފާރި، ބޭރު ފައިސާއިން ކޮށްފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވަދެފައި ވަނީ އަދި ރާއްޖޭން ބޭރުވެފައި ވަނީ ކިހާވަރެއްކަން އެނގެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި މައްސަލަ އަށް ހަައްލެން ހޯދަން ކުރެވިދާނެ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިނގާ އެންމެހާ ވިޔަފާރިތަކަށް ސޭލްސްގެ ގޮތުގައި ލިބޭ ފައިސާ އާއި އެ ވިޔަފާރިތަކުން އުފެދޭ އެހެނިހެން އާމްދަނީ އަކީ ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަ ފައިސާކަން ކަށަވަރުކުރުމަށް ޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ބޭންކަކުން ދޫކުރާ ޕީއޯއެސް ނޫނީ ރާއްޖޭގައި ބޭނުންކުރުން ހުއްޓުވުން ނުވަތަ މަނާކުރުން މުހިއްމުކަން ފާހަގަކުރެވޭ" އެ ގަރާރުގައި ބުނެފައިވެއެވެ.
އޭނާ ވަނީ ވިޔަފާރިތަކަށް އޮންލައިންކޮށް ފައިސާ ދެއްކި ނަމަވެސް ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް އެ ފައިސާ ވަންނަ ގޮތަށް އުސޫލުތައް ކަނޑައެޅުމަށް ގޮވާލާފައެވެ.
މުޅި މައްސަލައަށް ހައްލު ހޯދުމަށް ކަމާ ގުޅުން ހުރި އުސޫލުތައް ކަމާގުޅޭ މުއައްސަސާތަކާއި އިދާރާތަކުން މުރާޖައާ ކުރުމަށްވެސް މެމްބަރު ހާރޫންގެ ގަރާރުގައި ގޮވާލައްވާފައި ވެއެވެ. އަދި މިހާރު ހުރި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާއި އިތުރު ގާނޫނެއް ހަދަން ޖެހޭ ނަމަ، އެ ގާނޫނުތައް ހެދުމުގެ މުހިންމުކަން ވެސް ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.