ޚަބަރު

އެމްޕީއެލް-އެފްއެސްއެމް ކޮރަޕްޝަން: އޮޑިޓް ރިޕޯޓު ތައްޔާރުކުރަން ހަ މަސް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މާލެ ސަރަހައްދު ފުރަބަންދު ކުރިއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ބޭނުންވާ ތެޔޮ ފޯރު ކޮށްދިނުމުގައި ހިންގި 8 މިލިއަން ރުފިޔާގެ ވައްކަމުގެ އޮޑިޓް ރިޕޯޓު ތައްޔާރުކުރަން އިތުރު ތިން މަސް ދުވަސް ދޭން ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް (އެސްއޯއީ) ކޮމިޓީން ފާސް ކޮށްފި އެވެ.

Ads by Sosun Fihaara

އެގޮތުން މިއަދު އެކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި، ކޮމިޓީގެ މުގައްރަރު އިލްޔާސް ލަބީބް ވިދާޅުވީ މި މައްސަލައަކީ ވަރަށް ބޮޑު ތަހުގީގެއް ހިންގަން ޖެހޭ މައްސަލައަކަށްވާތީ އޮޑިޓަރ ޖެނެރަލް އޮފީހުން އިތުރު ވަގުތު ބޭނުން ކަމަށް އެދިފައިވާ ކަމަށެވެ.

"މިހާރު އެބޭފުޅުން (އޮޑިޓާ ޖެނެރަލްގެ އޮފީހުން) އެބަ އޮތް މިއީ ވަރަށް ބޮޑު އޮޑިޓެއް ކަަމަށް (އަންގަވާފައި). ފިއުލް ސަޕްލައިގެ ތެލުގެ ތެރެއިން މި ވައްކަން ކުރާކަން އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން އެބަ އަޑުއިވޭ. އެހެންވީމާ ވަރަށް ބޮޑު ތަހުގީގެެއް، އެ ބޭފުޅުން އޮޑިޓްގައި މިކަން ވަރަށް ބޮޑަށް ބަލަން ޖެހޭތީ ވަގުތު ބޭނުންވާ ކަމަށް އެބޭފުޅުން އެދިފައި އޮތީ" އިލްޔާސް ވިދާޅުވި އެވެ.

މި ވައްކަމާ ގުޅިގެން އިލްޔާސް ލަބީބު ވިދާޅުވީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އެމްޕީއެލްގެ ތިން އުޅަނދަކަށް ތެޔޮ ސަޕްލައި ކޮށްފައިވާ 108 ޕާޗޭސް އޯޑަރަކަށް ތެޔޮ ދޫކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން އޮކްޓޯބަރު 12 އަށް ޖުމްލަ 974000 ލީޓަރުގެ ތެޔޮ ދޫކޮށްފައިވާކަން ފާހަގަކޮށް މިއީ ޖުމްލަ އަށް މިލިއަން ރުފިޔާގެ ތެލުގެ ވައްކަމެއް ކަމަށް ވެސް ކޮމިޓީން ހާމަ ކުރައްވާފައި ވެއެވެ.

އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުން ގުޅިގެން ހިންގި ކަމަށް ބުނާ ތެލުގެ ޚިޔާނާތުގެ އަގު އަށް މިލިޔަން ރުފިޔާ އަށް އަރާ ކަމަށް އެމްޕީއެލްގެ ކުރީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ވަނީ ވިދާޅުވެފަ އެވެ. އެ ޚިޔާނާތުގެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް އައީ ޒަކީ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ފަހުން ޒަކީވަނީ އެކަމާ ގުޅިގެން އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!