ވެކްސިން ޖަހަން 6 މޭލަށް ހިނގި 90 އަހަރުގެ އަންހެނެއްގެ ވާހަކަ

ކޮވިޑް-19 ވެކްސިން ޖެހުމަށް 90 އަހަރުގެ އަންހެނަކު ދިގު ދަތުރެއްކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
އެމެރިކާގެ ސީޓްލްގައި މި އަންހެންމީހާ ވަނީ ސްނޯ ފައިބަމުން ދަނިކޮށް، 6 މޭލަށް ފައި މަގުގައި ދަތުރު ކޮށްފައެވެ.
ފްރޭން ގޯލްޑްމޭން ނަމަކަށް ކިޔާ މި އަންހެން މީހާއަށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓު ލިބިފައިވަނީ ވަރަށް އުނދަގުލުން ކަމަށް އޭނާ ބުނެއެވެ. އަދި އެޕޮއިންޓްމެންޓް ހޯދުމަށް ރެއާ ދުވާލު އޭނާ މަސައްކަތް ކުރި ކަމަށާއި އެޕޮއިންޓްމެންޓު ލިބުނީ އާދިއްތަ ދުވަހުގެ ހެނދުނަށް ކަމަށް އޭނާ ބުނެއެވެ.
ނަމަވެސް ހުކުރު ހޮނިހިރު ދެ ދުވަހު އެ ސިޓީއަށް ގަދައަށް ސްނޯ ފޭބުމާ ގުޅިގެން، ދަތުރުުފަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
ފްރޭން ބުނީ އޭނާ ދަތުރުކުރުމަށް ތިން ލޭޔަރުގެ އަންނައުނު ލައި، ސްނޯ ބޫޓަކަށް އެރިކަމަށެވެ. އަދި އެއީ ފަސޭހަ ދަތުރެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ފްރޭން މިހާރު ވެކްސިން ޖަހާފައިވާއިރު، އޭނާގެ ހާލު ރަނގަޅެވެ.