އަލުން ހެދެންދެން ވެސް ރައްޔިތުންގެ ސަލާމަތަށްޓަކައި ސިނަމާލެ ފްލެޓްތައް މަރާމާތު ކުރަން ޖެހޭ: މުޢިއްޒު
ގަލޮޅުގައި ހުންނަ ސިނަމާލޭ ފްލެޓްތައް އަލުން ހެދެން ދެން ވެސް އެތަން މަރާމާތު ކުރަން ޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސިނަމާލޭ ފްލެޓްތައް ޖެހޭނީ ތަޅާލަން ކަމަށް މިހާރުގެ ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފްލެޓްތަކުގައި ދިރިިއުޅޭ ރައްޔިތުންގެ ސަލާމަތަށް ޓަކައި އެތަން އަލުން ހެދެން ދެކަށް ވެސް އެތަން މަރާމާތު ކުރަން ޖެހޭ ކަމަށާއި "އެ ރައްޔިތުންގެ ޙައްޤު މިންވަރަކީ ބިރުވެރިކަމާއި ނުރައްކަލުގެ ތެރޭގައި ރޭތަކާއި ދުވަސްތައް ހޭދަ ކުރުން ކަމަށް ވެގެން ނުވާނެ" ކަމަށެވެ.
މާލޭގެ މޭޔަރު ކަމަށް ވެސް ވާދަ ކުރައްވާ މުޢިއްޒު މިހެން ވިދާޅުވިއިރު އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ސިނަމާލެ ފްލެޓާ ގުޅޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ އެ ތަނަކީ މަރާމާތު ކޮށްގެން ގެންގުޅެވޭނެ ތަނެއް ނޫން ކަމަށެވެ. ނަމަވެސް ކައުންސިލް ހައުސިންގެ ގޮތުގައި ހެދި އެ ތަން އަލުން އިމާރާތް ކުރުމަށް މާލޭ ސިޓީ ކައުންސިލަށް ވަރަށް ބޮޑެތި ގޮން ޖެހުން އެބަހުރިކަމަށް ވިދާޅުވުން ފިޔަވައި އެ ތަން ހެދުމާ ގުޅޭ އެއްވެސް ވާހަކަފުޅެއް އަސްލަމް ވިދާޅެއް ނުވެއެވެ.