ޗެނަލް 13ގެ ޕްރޮގްރާމެއްގައި ފުލުހުންނަށް އިންޒާރުދިން ކަމަށް ބުނާ މީހަކު ހައްޔަރު ކޮށްފި

ޗެނަލް 13ގެ ޕްރޮގްރާމެއްގައި ފުލުހުންނަށް އިންޒާރު ދިން ކަމަށް ބުނާ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކޮށްފައި ވަނީ ގއ.ކޮލަމާފުށީ 51 އަހަރުގެ އަބްދުއްސަމަދެވެ.
ފުލުހުން ބުނީ ޓީވީ ޗެނަލަކުން ގެނެސްދިން އިންޓަވިއުއެއްގައި ފުލުހުންނަށް ހެކިބަސް ދޭ މީހުންނަށް އިންޒާރު ދީ ބިރުދެއްކި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 51 އަހަރުގެ ފިރިހެނަކު މިރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މީހާ ހައްޔަރު ކުރަން އަމުރު ނެރުނީ ކްރިމިނަލް ކޯޓުންނެވެ. އެ އަމުރުގައި ވާ ގޮތުން މި މީހާ ހައްޔަރު ކުރެވުނީ ޗެނަލް 13 އަށް ދީފައިވާ ލައިވް އިންޓަވިއުއެއްގައި ފުލުހުންނަށް ނިސްބަތްކޮށް އެ ފުލުހުން ކޮށާލާނެ ކަމަށް ބުނެ ބިރު ދައްކާ އިންޒާރުދިން ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ކަމަށެވެ.
މި މީހާ ހައްޔަރު ކުރާ ސަބަބެއް ކަމުގައި މި އަމުރުގައި ބުނެފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އަދި ހެކި ފޮރުވާ، ހެކި ނައްތާލަން މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ ކަމަށެވެ.
މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުުހުން ބުނެއެވެ.