ފްލެޓުތައް ވިއްކި ވާހަކަ އެމްޕީއެލްއިން ދޮގު ކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިޔާ މަޝްރޫއުގައި އެޅި އެއް ކޮޓަރީގެ ފްލެޓްތައް ވިޔަފާރި އުސޫލުން ވިއްކި ކަމަށް މީޑީއާގައި ރިޕޯޓްކުރި ހަބަރެއް، އެކުންފުނިން ދޮގު ކޮށްފިއެވެ.
މިކަމާގުޅޭގޮތުން އެމްޕީއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ 19 ވަނަ ދުވަހު އެ ކުންފުނީގެ މުވައްޒަފަކާ ހަވާލާދީ ވެބްސައިޓަކުން ރިޕޯޓްކުރި ހަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ހަބަރެއް ކަމަށާއި އެއްކޮޓަރީގެ 204 ފްލެޓް ވިޔަފާރި އުސޫލުން ވިއްކާލައިފައިވާ ކަމަށް ބުނެ އެކުންފުނީގެ މީޑިއާ އޮފިޝަލަކު އެއްވެސް ފަރާތަކަށް މައުލޫމާތު ދީފައި ނުވާ ކަމަށެވެ.
ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކުންފުންޏާ ގުޅުވައި ލިޔެ ޝާއިއު ކޮށްފައި ވާތީ، މޯލްޑިވްސް މީޑިއާ ކައުންސިލަށް އެމައްސަލަ ހުށަހަޅާފައިވާނެ ކަމަށް ވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.