ވެކްސިން ހެދުމުގައި އިންޑިއާ ކުރިއަށް ޖައްސާލައިފި، މިހާތަނަށް 2 ވެކްސިން ހިއުމަން ޓަރަޔަލް އަށް
އަހްމަދުއާބާދުގެ ޒައިޑަސް ކަޑީލާ ހެލްތް ކެއާ އިން ކޮރޯނާ ވައިރަހާއި ދެކޮޅަށް އުފެއްދި ވެކްސިން އަށް ހިއުމަން ޓްރަޔަލް ނުވަތަ އިންސާނުންނަށް ވެކްސިން ދީގެން އަޖުމަބަ ބެލުމުގެ ހުއްދަ ލިބުމާއެކު އިންޑިއާގައި ހިއުމަންޓަރަޔަލް ފުރިހަމަ ކުރަމުން އަންނަ ވެކްސިން ތަކުގެ އަދަދު ދެ އަކަށް އަރައިފިއެވެ.
އެގޮތުން ޒައިޑަސް އިން އުފެއްދި ވެކްސިން ކަމުގައިވާ 'ޒައިކޮވް-ޑީ' އަށް އިންޑިއާ ގެ ޑްރަގް ކޮންޓްރޯލާ ޖެނެރަލް އިން ވަނީ ހިއުމަން ޓްރަޔަލް ގެ ފޭސް 1 އަދި ފޭސް 2 ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައެވެ.
މި ވެކްސިން މީގެ ކުރިން ޖަނަވާރުންނަށް ޓެސްޓުކޮށްފައިވާއިރު ވައިރަހާއި ދެކޮޅަށް ވަރުގަދަ ދިފާއުވުމެއް ދައްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ވެކްސިން ގައި އެކުލެވޭ އެންޓިބޮޑީ އިން ވަނީ ވައިރަސް ފުރިހަމައަށް ނިއުޓްރަލައިޒް ވެސް ކޮށްދީފައިކަމުގައި ޒައިޑަސް އިން ވަނީ ބުނެފައެވެ.
ޒައިޑަސް އިން މިހާރު އަންނަނީ އިންޑިއާގެ އެކި ހިސާބުތަކުން 1000 އަށް ވުރެ ގިނަ މީހުނަށް މި ވެކްސިން ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޒައިޑަސް ގެ ވެކްސިން އަށް ހިއުމަން ޓްރަޔަލްގެ ހުއްދަ ލިބުނުއިރު ބާރަތް ބައޮޓެކް ގެ ވެކްސިން 'ކޮވަކްސިން' އަށް ވެސް ވަނީ ހިއުމަން ޓަރަޔަލް ގެ ހުއްދާ މީގެ ކުރިން ދީފައެވެ. އެކުންފުނިން އުފެއްދި ވެކްސިން އެންމެ ފުރަތަމަ ޓެސްޓުކުރާނީ އެ ކުންފުނީގެ އިސްވެރިންނަށާއި މުވައްޒަފުންނަށެވެ.