ކުޅިވަރު

ތިއާގޯ ލިވަޕޫލަށް ބަދަލުވާން ބޭނުންވެފައި، ރަނގަޅު ނިންމުމެއްތަ؟

ދެން އެމްވީ ، ދެން އޮންލައިން

ތިއާގޯ އަލްކަންޓާރާއަކީ ބަޔާން މިޔުނިކަށް 2013ގައި ބަދަލުވިފަހުން އެކުލަބުގެ މުހިންމު ކުޅުންތެރިއެކެވެ. 25 މިލިއަން ޕައުންޑަށް ބާސެލޯނާ ދޫކޮށް ތިއާގޯ ބަޔާނަށް ސޮއިކުރީ އޭރު އެކުލަބުގައި ހުރި ކޯޗު ޕެޕް ގާޑިއޯލާގެ އެދުމުގެ މަތިންނެވެ.

Ads by MWSC

ބަޔާނަށް ބަދަލުވެ އެކުލަބަށް މިހާތަނަށް ކުޅުނު 7 ސީޒަންގައި ތިއާގޯވަނީ 15 ތަށި ހޯދާފައެވެ. އޭގެ ތެރޭގައި 7 ފަހަރު ޖަރުމަން ބުންޑަސް ލީގާ އުފުލާލުން ހިމެނެއެވެ. އެހެންނަމަވެސް ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވާ ތިއާގޯ މިވަނީ ބަޔާން ދޫކޮށްލަން ނިންމާފައެވެ. ބަޔާންގެ ޗީފް އެގްޒެކްޓިވް ކާލް ހެއިން ރުމެނިންގޭ ވަނީ ތިއާގޯ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަން ޔަގީންކޮށްދެއްވާފައެވެ.

29 އަހަރުގެ މިޑްފިލްޑަރ ދާން ބޭނުންވަނީ ލިވަޕޫލަށެވެ. ސަބަބަކީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަރަށް ގަޔާވާ ކުޅުންތެރިއަކަށް އޭނާވުމެވެ. އަނެއްކޮޅުން ތިއާގޯ މިހާރު ބޭނުންވަނީ ޕްރިމިއަރ ލީގުގައި ކުޅޭށެވެ.

ލިވަޕޫލުގައި މިވަގުތު ތިބި މިޑްފިލްޑަރުންނަކީ ނަބީ ކެއިޓާ، ކެޕްޓަން ހެންޑަސަން، ވައިނަލްޑަމް، ފަބީނިއޯ، ލަލާނާ، ޗެމްބަލިން، މިލްނާ އަދި މިނަމީނޯއެވެ. މި ކުޅުންތެރިންގެ ތެރެއިން އެޑަމް ލަލާނާ ވިއްކާލަން ކުލަބުން އަންނަނީ ތައްޔާރުވަމުންނެވެ. އަނެއްކޮޅުން ޖޭމްސް މިލްނާވެސް އަންނަ ސީޒަންގައި ލިވަޕޫލުން ފެނުމުގެ ފުރުސަތު ކުޑަކަމަށް ބެލެވެއެވެ.

ޕްރިމިއަރ ލީގުގެ ތަށި މި ސީޒަންގައި ޔަގީންކޮށްފައިވާ ލިވަޕޫލުން އެންމެ ފަހުން ގަތް ކުޅުންތެރިންކަމަށްވާ ނަބީ ކެއިޓާ އަދި މިނަމީނޯއަކީ މިޑްފިލްޑަރުންނަށްވެފައި އިތުރު މިޑްފިލްޑަރެއް މި ހޯދަނީ ކީއްވެގެންކަމާއިމެދު ތަޖުރިބާކާރުން ސުވާލު އުފައްދައެވެ. ހެންޑަސަން މި ސީޒަންގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާގެ މަގާމަށް ކެއިޓާއާއި ވައިނަލްޑަމް ހުރިއިރު ތިއާގޯއަކީ އިތުރު ކޮލިޓީ މިޑްފިލްޑްލައިނަށް ގެންނާނެ ކުޅުންތެރިއެއްކަމަށް ލިވަޕޫލުން ދެކެއެވެ.

ލިވަޕޫލުގެ މަންދޫބުން މިހާރު އަންނަނީ ތިއާގޯ އޭޖެންޓާއިއެކު މަޝްވަރާކުރަމުންނެވެ. ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތުމާއިއެކު ސްޕެއިންގެ މިޑްފިލްޑަރ 35 މިލިއަން ޕައުންޑްގެ އަގަކަށް ބަޔާނުން ވިއްކާލާނެކަމަށް ބެލެވެއެވެ. މިވަގުތު މާލީ ހާލަތަށް ބަލާއިރު ލިވަޕޫލުން މަސައްކަތްކުރަމުން އަންނަނީ ދެ އަހަރަށް ބަހާލައިގެން ތިއާގޯގެ ފީދައްކާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!