ބޮލީވުޑް

އަނީތާގެ ދަރިފުޅަށް ނަން ކިޔައިފި

ޢާއިޝަތު ނުޒުހާ

އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ އަނީތާ ހަސަނަންދާނީ އޭނާގެ ދަރިފުޅަށް ކީ ނަން ހާމަކޮށްފިއެވެ.

އަނީތާ މި މަހުގެ 17 ވަނަ ދުވަހު ވިހާފައިވާއިރު، އޭނާ ވަނީ ދަރިފުޅުގެ މޫނު ނާރާހެން އިންސްޓަގްރާމްގައި ކުރު ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯ ހިއްސާކޮށް އަނީތާ ބުނީ "އާރަވް" އައިސްފި ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އަނީތާ އާއި ފިރިމީހާ ރޯހިތު ރެޑީ ދަރިފުޅަށް އެ ނަން ކިޔާފައިވަނީ ދެމަފިރިންގެ ނަމާ ގުޅުވައިގެންނެވެ.

އަނީތާ ވިހެއުމާ ގުޅިގެން ބޮލީވުޑު އަދި ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބަޔަކު އޭނާއަށް މަރުހަބާގެ މެސެޖުތައް ފޮނުވައިފައިވެއެވެ.

އުމުރުން 39 އަހަރުގެ އަނީތާއަށް އަލަތު ދަރިފުޅު ލިބިފައިމިވަނީ ކައިވެނިކުރިތާ ހަތް އަހަރު ފަހުންނެވެ. ބަލިވެއިން ވާހަކަ އަނީތާ އާއި ފިރިމީހާ ރޯހިތު ހިއްސާކުރި މިދިޔަ އޮކްޓޯބަރު މަހު އިންސްޓަގްރާމްގައި ޕޯސްޓުކުރި މަޖާ ވީޑިއޯއެއްގައެވެ.

އަނީތާ އަކީ މަގުބޫލު އެތައް ސިލްސިލާއެއް ކުޅެފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި "ނާގިން" އާއި "ޔޭ ހޭ މޮހަބައްތޭން" އާއި "ޔޭ ހޭ އާޝިގީ" އާއި "ކިޔޫ ކީ ސާސް ބީ ކަބީ ބަހޫ ތީ" ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ. އަނީތާ އަކީ އިންޑިއާގެ ގިނަ ބަހުރުވަތަކުން ތައްޔާރު ކުރާ ފިލްމުތަކެއް ވެސް ކުރިން ކުޅުނު ތަރިއެކެވެ. އޭނާ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި "ކުޗް ތޯ ހޭ" އާއި "ކޮއީ އާޕް ސާ" އާއި "ޖަސްޓް މެރިޑް" ގެ އިތުރުން "ރާގިނީ އެމްއެމްއެސް 2" ހިމެނެ އެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!