ފަލާޙާއި ކާމިޔާބަށް އެދޭ މީހާ ގިނަގިނައިން މި ކަލިމަ ކިޔާށެވެ.
އިންސާނާ ދުނިޔެއަށް ނޭވާލީ ވަގުތުން ފެށިގެން ހިފެހެއްޓުމެއް ނެތި ދުވަހަކަށް ފަހު ދުވަހެއް އޭނާގެ ޙަޔާތުން ފާއިތުވަމުން ދެއެވެ. އެ ދުވަސްތަކުގެ ތެރޭގައި އޭނާގެ ހިތަށް އެތައް ބައިވަރު ސުވާލުތަކެއް އަރާ ފައިބަމުން ދެއެވެ. އަހަރެންނަކީ ކާކު ހެއްޔެވެ؟ އަހެރެން އައީ ކޮންތާކުން ހެއްޔެވެ؟ އަހަރެންނާ އަހަރެންގެ ވަށައިގެންވާ ކާއިނާތު ހެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟ އެތަކެތި ކޮންޓްރޯލް ކުރައްވަނީ ކޮން ފަރާތަކުން ހެއްޔެވެ؟ އަހަރެން މިދަތުރު ކުރަނީ ކޮން ތާކަށް ހެއްޔެވެ؟ އިންސާނާ މަރުވުމަށް ފަހު ވަނީ ކީއް ހެއްޔެވެ؟އަހަރެން މިދުނިޔޭގައި ލައްވާފައި މިވަނީ ކީއްކުރަން ހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކެކެވެ.
އެކިއެކި ޒަމާން ތަކުގައި ތަފާތު ގޮތްގޮތަށް މިފަދަ ސުވާލުތަކަށް ޖަވާބުދީ ހަދާފައި ވެއެވެ. މިހާރުވެސް ތަފާތު މީހުން ތަފާތު ގޮތްގޮތަށް މިފަދަ ސުވާލުތަކަށް ޖަވާބުދީ ހަދައެވެ. ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް ވެސް އެނގިގެންދާ ޙަޤީޤަތަކީ ހެއްދެވިގެންވާ ކޮންމެ އެއްޗަކަށް ހެއްދެވި ފަރާތެއް ވާން ޖެހޭކަމެވެ. މި ފުރިހަމަވެގެންވާ ކާއިނާތުތައް ވެސް ހެއްދެވި ފަރާތެއް ވާނެ ކަމެވެ. ކޮންމެއަކަސް އިސްވެ ދެންނެވި ސުވާލުތަކުގެ ޖަވާބުދެވޭނީ ޙައްޤުގެ ދީނުގެ ތެރެއިން ލާފައެވެ.
ކީރިތި ޤުރްއާނުގެ އެންމެ ކުރު ސޫރަތް ތަކުގެ ތެރެއިން ސޫރަތެއް ކަމުގައިވާ العصر ސޫރަތުގައި މާތް ﷲ ވަނީ މާނައިން ފުރިގެންވާ ބަސްފުޅެއް ވަޙީ ކުރައްވަވާފައެވެ. ވަގުތު ގަންދެއްވުމަށް ފަހު ދެން ވަޙީ ކުރައްވަނީ ހަމަކަށަވަރުން އިންސާނާ ވަނީ ހަލާކުގެ ތެރޭގައި ކަމަށެވެ. އެ ހަލާކުން ސަލާމަތް ވަނީ އީމާންވެ ހެޔޮ ޢަމަލު ކުރިމީހުންނާއި ޙައްޤަށާއި ކެތްތެރިވުމަށް ވަޞިއްޔަތްކުރި މީހުން އެކަންޏެވެ.
އަދި މާތް ﷲ ރޫމް ސޫރަތުގެ 27 ވަޙީކުރެއްވިއެވެ.
وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ
" އަދި އެކަލާނގެ އީ ޚަލުޤު ތަކުން ހައްދަވަން ފެއްޓެވި ރަސްކަލާނގެ އެވެ، އެއަށް ފަހު އެތަކެތި ޚަލްޤު ކުރެއްވުން ތަކުރާރު ކުރައްވައެވެ. އެކަމަކީ އެކަލާނގެއަށް ނުހަނު ލުއި ފަސޭހަ ކަމެކެވެ.”
ކޮންމެއަކަސް މި ބޮޑު ކާއިނާތައް ނަޒަރު ހިންގާލުމުން އެތަކެތި ހެއްދެވި ފަރާތުގެ ފުރިހަމަކަން ހާމަވެގެން ދެއެވެ. އަދިވެސް މާތް ﷲ ވަޙީ ކުރެއްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "އެކަލާނގެއީ އެންމެ ފުރިހަމައަށް އެއްޗެހި ޚަލްޤު ކުރައްވާ ފަރާތެވެ."
ވީއިރު މި ބޮޑު އަދި ފުރިހަމަ ކާއިނާތުގައިވާ އެންމެ މަތިވެރި ކަލިމައަކަށް ވާންޖެހެނީ ކޮން ކަލިމައެއްތޯއެވެ؟ ޝައްކެއްނެއް ގޮތުގައި އެއީ لا إله إلا اللَّه މިކަލިމައެވެ. އެކަލިމަ އަކީ އިސްލާމްދީން އެކަލިމައިގެ މަތީގައި ބިނާވެފައިވާ ކަލިމައެވެ. އެއީ ތަވްޙީދުގެ ކަލިމައެވެ. އެކަލިމައިގެ މަތީގައި އުޑުތަކާއި ބިން ޤާއިމު ވެގެންވާ ކަލިމައެވެ. އެކަލިމައަކީ ނަރަކައިގެ ޢަޒާބުން އަޅުގަނޑުމެން ސަލާމަތް ކޮށްދޭ ކަލިމައެވެ. އެކަލިމައަކީ މަތިވެރި ވެގެންވާ ސުވަރުގޭގެ ތަޅުދަނޑިއެވެ. އެކަލިމައަކީ އެކަލިމައިގެ ސަބަބުން އިންސާނުން ދެބަޔަކަށް ބަހާލެވިގެންދާ ކަލިމައެވެ. އެކަލިމަކީ އެކަލިމައަށް ޓަކައި ޖިހާދުގެ މައިދާނުގައި ކަނޑިތައް އުފުލާލެވޭ ކަލިމައެވެ. އެކަލިމައަކީ އެއީ އިންސާނާ މި ދުނިޔެއަށް އަލްވަދާޢު ކިޔާއިރު އޭނާގެ ދުލުން ބޭރުވާ އެންމެފަހު ކަލިމައަކަށް އެކަލިމަ ވެއްޖެނަމަ ސުވަރުގެއަށް ވަނުމުގެ ހެޔޮ ނަޞީބު ލިބިގެންދާ ކަލިމައެވެ.
ނަމަވެސް ހިތާމައާއެކު ދަންނަވަން ޖެހެނީ އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ވަނީ މިކަލިމައިގެ ޙަޤީޤީ މާނައަށް ޣާފިލްވެފައެވެ. އެބައިމީހުންނަށް ހީވެފައި އޮންނަނީ ހަމައެކަނިއެކަލިމަ ދުލުން ކިޔާލުމުން އެފުދުނީ ކަމަށެވެ. ނަމަވެސް ފަލާޙާއި ކާމިޔާބު ލިބިގަތުމަށްޓަކައި މިކަލިމަކީ އަޅުގަނޑުމެންގެ ޙަޔާތުގެ ކުޑަ ބޮޑު ހުރިހާކަމެއް ގައި ޝާމިލުކުރަންޖެހޭކަލިމައެކެވެ. އެކަލިމައަކީ ހަމައެކަނި މިސްކިތްތައް ފަޅުފިލުވަން އޮތް ކަލިމައެއް ނޫނެވެ. ތިމާގެ ގެޔާއި އޮފީހުގަޔާއި މަގުމަތީގައި ހިނގާފައި ދާއިރުވެސް އެކަލިމައިގެ އަސަރުއަޅުގަނޑުމެންގެ ގައިގާ ވާން ޖެހޭކަލިމައެވެ. ތިމާ އެކަނިވާ ވަޤުތުތަކުގަޔާއި މީސްތަކުންނާ އެކުގައިވާ ވަޤުތުތަކުގައެވެ.
މިކަލިމައަށް އީމާންވެގެން ތިބި ތަވްޙީދުގެ އަހުލުވެރީންނޭވެ! އަޅުގަނޑުމެން މިހާރު އަޅުގަނޑުމެންގެ ޙަޔާތުގެ ލަގަން އެކަލިމަޔާ ދުރަށް ދީލާލައިފީމުއެވެ. އެކަލިމައިގެ ދުޝްމިނުންދެކެ އަޅުގަނޑުމެން ލޯބިވާ ވަރާއި އެބައިމީހުންނަށް ޓަކައި ޤުރުބާން ވެވޭ ވަރާއި އެބައިމީހުންނާ ވައްތަރުވުމަށް ޓަކައި އަޅުގަނޑުމެން ފޫގަޅާލާފައި ވާވަރު ބައްލަވާ ލެއްވުމުން ވެސް މިކަން ދޭހަވެއެވެ. ރިޒްޤު ދެއްވަނީ މާތް ﷲ ކަން ހަދާން ނެތޭ ޙާލުގައެވެ. ޝިފާ ދެއްވަނީ އަޅުގަނޑުމެން ކާލާ ބޭސް ގުޅަ ކަމަށް ހީކުރެވި، ވަކީލު ކުރެވެނީ މަޚްލޫޤު ތަކުންނަށެވެ.
އެސްޓްރޮލޮޖީގެ ތަފާތު ނަކަތްތަކުގެ ސަބަބުން ނޫސް ތަކަށް މީސްތަކުން ޝައުޤުވެރި ވެފައެވެ. ޒުވާނުން ހިތްހަމަޖެހުމާއި އަރާމު ޙާސިލް ކުރުމަށް ޓަކައި މިއުޒިކާއި މަސްތުވާ ތަކެއްޗަށް އެބައިމީހުންގެ މުޅި ޙަޔާތް ހުސްކޮށްލާފައެވެ. ހިލޭ އަންހެނުންނާއި ހިލޭފިރިހެނުން އެއްބަޔަކު އަނެއް ބަޔަކާއެކު ކުރާ ބަދުއަޚްލާޤީ ޢަމަލުތަކަކީ ތިމާމެންނަށް ލިބޭ ކާމިޔާބެއް ނުވަތަ ފަޚުރެއް ކަމަށް ވެފައެވެ. މަޚުލޫގުތަކުން ދެކެބިރުން މިތިބެނީ ގޮތް ހުސްވެފައެވެ. ދެޖިންސު ހަމަހަމަ ނުވެގެން ތިމާ ހެއްދެވި ފަރާތަށް ތިމާގެ ހިތުން އައިބު ކިޔޭ ހާލުގައެވެ.
މިފަދަ ކިތަންމެ ކަމެއް އަޅުގަނޑުމެންގެ ލޯމަތިން ފެންނަމުން ދެއެވެ. މިއީ ހައްތަހާވެސް لا إله إلا اللَّه މިކަލިމައަށް އަޅުގަނޑުމެންނަށް ފުރަގަސް ދެވިއްޖެކަށް ދަލީލް ކޮށްދޭ ހެކި ތަކެކެވެ. އެހެންކަމުން ދިރިއުޅުމުގައި އާއި އާޚިރަތުގައި ވެސް ކާމިޔާބަށް އެދޭ މީހާ لا إله إلا اللَّه މިކަލިމަ ކިޔުމުގައި އަދި ހިތުން ތެދުކޮށް ޢަމަލުން ދެއްކުމުގައި ބިޒީ ވާށެވެ.
ނޯޓު: މިއީ ނޫރުލް އިސްލާމް އިން ނެގިފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ލިޔެވިފައިވާ ލިޔުމެކެވެ.