ރައީސް ޔާމީނަށް ހިނގާބިނގާވެ އުޅެން ވެސް އުނދަގޫ: ޖަމީލް
މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސް ކަމަށާ އެ މަނިކުފާނަށް ހިނގާބިނގާވެ އުޅެން ވެސް އުނދަގޫ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އަވަސް ނޫހުގެ "ފަށަމާ" ގައި ބައިވެރިވެވަޑައިގަތް ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ހާލުކޮޅު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ނަމަވެސް ޑޮކްޓަރުންގެ ލަފާގެ މަތިން ކުރަންޖެހޭ ކަންކަން ކުރައްވަމުން ނުގެންދަވާ ކަމަށެވެ. އޭގެ ސަަބަބުން ރައީސް ޔާމީނަށް މިއަދު ޖިސްމާނީ ގޮތުން ވެސް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީނަށް މިހާރު ހިނގާބިނގާވެ އުޅެން ވެސް އުނދަގޫ. އަޅުގަނޑަށް މީގެ ދެތިން ދުވަސް ކުރިން ކުރެއްވި ފޯން ކޯލްގައި ވެސް ރައީސް ޔާމީން ވިދާޅުވީ މިހާރު ހިނގަން ވެސް އުނދަގޫވާ ކަމަށް. އަޅުގަނޑުމެން އެބަޖެހޭ ދެއްތޯ އިންސާނިއްޔަތުކަން ވެސް ދައްކަން. އަދި އިސްތިއުނާފުގެ މަރުހަލާ ވެސް މި އުޅެނީ ނުނިމިގެން. ރާއްޖޭގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެއް މިއީ،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލު ހުކުމްތައް ތަންފީޒު ކުރައްވަމުން ގެންދެވި ސިޔާސީ ބޭފުޅުން ގެއަށް ބަދަލުކޮށްދެއްވި ކަމަށާއި ނަމަވެސް މި ސަރުކާރުން ރައީސް ޔާމީނާމެދު އެ ގޮތަށް އަމަލު ކުރަމުން ނުގެންދާ ކަމަށެވެ. އެކަމުގެ ސަބަބުން ރައީސް ޔާމީން މިއަދު އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އާއި އަދި އެހެނިހެން ކަންބޮޑުވުންތައް ހިއްސާކުރުމަށް ހައިކޯޓުގެެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާ ބައްދަލުކުރަން އިދިކޮޅު ކޯލިޝަނުން ވަނީ އެދިފައެވެ.
އެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.