ބަހާލައިގެން ކަރަންޓު ބިލު ދެއްކުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ސްޓެލްކޯގެ ޑޮމެސްޓިކް އަދި ވިޔަފާރި ކަސްޓަމަރުންނަށެވެ.
ބަހާލައިގެން ކަރަންޓު ބިލު ދެއްކުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
މާލީ ހާލަތު ހުރި ގޮތުން މިދިޔަ ހަތަރު މަހުގެ ކަރަންޓު ބިލް ދައްކަން ދަތިވާ ފަރާތްތަކުން ފައިސާގެ އަދަދު ބަހާލައިގެން ބިލުތައް ދައްކަން އެދުމުގެ ފުރުސަތު ސްޓެލްކޯއިން ހުޅުވާލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ސްޓެލްކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މިއަހަރުގެ މާޗު، އޭޕްރީލް، މެއި އަދި ޖޫން މަހަކީ ކޮވިޑާ ގުޅިގެން އާންމު ދިރިއުޅުމަށް ބަދަލުތަކެއް އައި ހަތަރު މަސްކަމުން އެ ހާލަތާ ގުޅިގެން މި ހަތަރު މަހުގެ ކަރަންޓު ބިލު ދެއްކުމަށް ދަތިވާ ފަރާތްތަކަށް މަސްތަކަކަށް ބަހާލައިގެން ބިލު ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ.
ސްޓެލްކޯއިން މިއަދު ބުނީ ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން މާލީ ހާލަތު ދަށްވެގެން ކަރަންޓު ބިލު ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކުން އެ ކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ސްޓެލްކޯގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް މިކަމަށް އެދެވެ އެވެ. އަދި އަމީނީ މަގުގައި ހުންނަ ސްޓެލްކޯގެ މައި އިދާރާގެ ކައުންޓަރުން ވެސް އެ ފޯމު ލިބެ އެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު އޮތީ މިއަދުން ފެށިގެން ދެ ހަފުތާއަށެވެ.