ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ފޭވަރިޓުންނަކީ ބަޔާން މިޔުނިކާއި މެންޗެސްޓަރ ސިޓީ: ކްލޮޕް

ދެން އެމްވީ ، ދެން އޮންލައިން

މި ސީޒަންގެ ޗެމްޕިއަންސް ލީގު ހޯދުން އެންމެ ގާތް ދެ ޓީމަކީ މެންޗެސްޓަރ ސިޓީއާއި ބަޔާން މިޔުނިކްކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

Ads by Sosun Fihaara

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުޅުން އަންނަ މަހު ފަށަން ނިންމާފައިވާއިރު، ލިވަޕޫލްވަނީ ދެވަނަ ބުރުގައި އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވެ ކަޓާފައެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކެޓުމާއިއެކު މި އަހަރު ޗެމްޕިއަންކަން ހޯދާނީ ކޮން ކުލަބަކުންތޯ ނޫސްވެރިން އެހުމުން ކްލޮޕް ބުނީ އޭނާގެ ފޭވަރިޓުންނަކީ ބަޔާން މިޔުނިކާއި މެންޗެސްޓަރ ސިޓީކަމަށެވެ.

ކްލޮޕް ބުނީ މިވަގުތު އެ ދެ ކުލަބުން ދައްކަމުން އަންނަ ކުޅުމާއި ފޯމަށް ބަލާއި ބަޔާނާއި ސިޓީގެ ފައިނަލެއް ދެކެން ވަރަށް ބޮޑަށް އެދޭކަމަށެވެ. ބަޔާން މިޔުނިކާއި މެންޗެސްޓަރ ސިޓިއަކީ ކްލޮޕްގެ ކޯޗިންގ ހަޔާތުގައި އެންމެ ބޮޑު ވާދަވެރިންނެވެ. އޭނާ ޖަރުމަންގެ ބޮރޫޝިޔާ ޑޯޓްމުންޑަށް އިރުޝާދުދިންއިރު އެންމެ ވާދަވެރި ކުލަބަކީ ބަޔާން މިޔުނިކެވެ. އަނެއްކޮޅު މިހާރު ލިވަޕޫލްގެ އެންމެ ވާދަވެރި ޓީމަކީ މެންޗެސްޓަރ ސިޓީއެވެ.

"އަހަރެން ވަރަށް ބޮޑަށް ބޭނުން ސިޓީއާއި ބަޔާންގެ ފައިނަލެއް. ދެ ޓީމްވެސް ވަރަށް ފޯމްގައި މިއޮތީ. އަހަންނަށްވެސް ވަރަށް ޚާއްސަވާނެ އޭރުން އެ ފައިނަލް"

ކްލޮޕް ބުނީ އެހެން ޓީމްތަކަށްވެސް ޗާންސް އެބައޮތްކަމަށާއި، އެކަމަކު އޭނާ ފޭވަރިޓް ދެ ޓީމެއް ނަގާކަމަށްވާނަމަ މިފަހަރުގެ ހޮވުމަކީ ބަޔާން މިޔުނިކާއި ސިޓީކަމަށެވެ.

ބަޔާން މިޔުނިކުންވަނީ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި ޗެލްސީ އަތުން ތިނެއް ސުމަކުން މޮޅުވެފައެވެ. އަނެއް ކޮޅުން ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ސިޓީންވަނީ ދޭއް އެކަކުން ރެއާލް މެޑްރިޑް ބަލިކޮށްފައެވެ.

އަންނަ މަހު ޗެމްޕިއަންސް ލީގުގެ ބާކީ ހުރި ހުރިހާ މެޗެއް ކުޅޭނީ 16 ދުވަހުގެ ތެރޭގައެވެ. ކުއާޓަރ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުގެ ބަދަލުގައި އެންމެ މެޗަކުން ނަތީޖާ ނެރޭ ގޮތަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!