ތިޔަ އުޅެނީ ކުޅި އެއްޗެއް ކައިގެން ކުޅި ނުފިލައިގެންތަ؟ މިއޮތީ ހައްލު
ގިނަ މީހުންނަކީ ފޮނި އެއްޗިއްސަށްވުރެ ބޮޑަށް ކުޅި އެއްޗެހި ކާ ހިތްވާ މީހުންނެވެ. އެކި މީހުން ކުޅި އެއްޗެހި ކަނީ އެކި މިންވަަރަށެވެ. އެގޮތުން ބައެއް މީހުންނަކީ އެކި ސަބަބުތަކާހުރެ ކުޅި އެއްޗެހި ނުކެވޭ މީހުންނެވެ. އަދި އަނެއްބައި މީހުންނަކީ ކިތަންމެ ކުޅިކޮށް ކެއި ނަމަވެސް ގޮތެއް ނުވާ މީހުންނެވެ.
ކުޅި އެއްޗެހި ކެއުމުގެ ތެރޭގައި ބައެއް ފަހަރަށް ކުޅިވެގެން ގޮސް ހަދާނެ ގޮތް ހުސްވާ ފަހަރު ވެސް އާދެއެވެ. އެފަދަ ވަގުތުތަކުގައި ކުޅި ފިލުވުމަށް ކައިފައި ނުކާނެ އެއްޗެއް ވެސް ނޭނގެއެވެ. ގޭގައި ހުންނަ ހަކުރު ފުޅި ހުސްކޮށްލެވޭ އިރު ވެސް ހަމަހިލާ ކުޅިއެއް ނުފިލައެވެ. އެހެންކަމުން މިކަމަށް ކޮންމެހެން ވެސް ހައްލެއް ހޯދަން އެބަ ޖެހޭތާއެވެ. މިއޮތީ ތިކަމަށް ހައްލު ހޯދުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންކަމެވެ.
ކިރު
ކުޅި ފިލުވުމަށް އޮތް އެންމެ މޮޅު އެއް ގޮތަކީ ކިރު ތައްޓެއް ބޯލުމެވެ. ކުޅި ފިލުވުމަށް އޮތް އެންމެ އެއް މޮޅު ގޮތަށް ކިރު ބޭނުން ކުރުން މިވަނީ ކީއްވެގެން ބާވައެވެ. އެއީ ކުޅި ކާއެއްޗެހީގައި ހިމެނޭ މާއްދާއެއް ކަމަށްވާ "ކެޕްސޭސިއަން"ގެ ސަބަބުން ނާރުތަަކަށް ކުޅީގެ އަސަރު ކުރެއެވެ. ނަމަވެސް ކިރުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ކުޅި ކާނާގައި އެކުލެވޭ މި މާއްދާގެ ބާރު ދަށްވެ ކުޅި ފިލުމަށް ބޮޑު އެހީތެރިކަމެއް ވެދެއެވެ.
ޔޯގަޓް
ކުޅި ފިލުވުމުގައި ޔޯގަޓް އަދާކުރަނީ ކިރަށްވުރެ މާ މުހިންމު އަދި މާ މޮޅު ރޯލެކެވެ. އެގޮތުން، ޔޯގަޓްގެ ސަބަބުން އަނގައިގައި "ޕްރޮޓެކްޓިވް ލޭޔާރ"އެއް ލެވި ކުޅި ކާނާއިން ހަށިގަނޑަށް ލިއްބައިދޭ ގެއްލުންތަކުން އަދި ކުޅިވެފައި ހުންނައިރު އެކަމުން ވެސް ސަލާމަތް ކޮށްދެއެވެ.
ސައި
ކުޅި ފިލުވައިލުމަށް އޮތް ހަމައެކަނި ހައްލަކީ ކިރުގެ ބާވަތްތަކެއް ނޫނެވެ. ކުޅި ފިލުވުމަށްޓަކައި ކަޅު ސައި ތައްޓެއް ވެސް ބޯލެވިދާނެއެވެ. މިހެން ބުނުމުން ކަޅު ސައި ފަދަ ހޫނު އެއްޗަކުން ކުޅި ފިލުވޭނީ ކިހިނެއް ބާވައޭ ހިތަށް އަރާ ދޯއެެވެ. ސަޔަކީ ހޫނު އެއްޗަކަށް ވުމުން، ކުޅިވެފައި ހުންނަ ވަގުތު ސައިގެ ހޫނުމިން ބަހައްޓަން ވާނީ ރަނގަޅަށް ހަމަޖެހިލައިގެން ބޮވޭ މިންވަރެއްގައެވެ.
އިތުރު ހައްލު
އިސްވެ ދެންނެވުނު ހައްލުތަކުގެ އިތުރުން ވެސް ކުޅި ފިލުވައިލުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން ކުޅި ފިލުވުމަށްޓަކައި ޕާން ފޮއްޗެއް ކާލުން، ރޯ ހަނޑޫ ކެއުން އަދި ބިސްކޯދު ކެއުމަކީ މޮޅު ގޮތެކެވެ.