މުނިފޫހިފިލުވުން

ޖުމައްޔިލްގެ މައްޗަށް އުފުލާފައިވާ ތުހުމަތުތައް: ރޭޕް ކުރުމަށްފަހު ކަންތައްވީ ގޮތް، ދެ ކޮއްކޮއެއް ރޭޕް ކުރި!

ދެން އެމްވީ ، ދެން އޮންލައިން

"ރޭޕް" ގެ މައްސަލަތައް ތިލަވަމުން އަންނަ މިދުވަސްވަރު އެންމެ ގަދަޔަށް އަދިވެސް ދެކެވޭ ވާހަކައަކީ ދިވެހި ފިލްމީތަރި ޖުމައްޔިލް ނިމާލް އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ރޭޕް ކުރި ވާހަކައެވެ.

މިހާދިސާ ހިނގި ގޮތުގެ ތަފްސީލު މީގެ ކުރިން "ދެން" އިން ގެނެސްދީފައިވާއިރު، މިފަހަރު މިގެނެސްދެނީ އޭގެ ފަހުން ކަންތައްވީ ގޮތެވެ.

މިއީ މިހާދިސާގެ ވިކްޓިމް "ޒަހޫ" އޮންލައިން މީޑިއާ "ދޯ" އަށް ދީފައިވާ އިންޓަވިއު އެކެވެ.

ޒަހޫ ރޭޕް ކުރުމުން އޭނާ އެކަމުގެ ޝޮކެއްގައި ހުއްޓާ، ހޭވެރިކަންވީ އޭނާގެ މަންމަ ފޯނު ކުރުމުން ކަމަށް އޭނާ ބުނެފައިވެއެވެ. އޭނަގެ މަންމަ ބުނީ، ގެއަށް އާދެވިއްޖެ ކަމަށާއި ހުރީ ކޮންތާކު ކަމަށެވެ. އަވަހަށް ޖީންސް ލައިގެން އެގެއިން ނިކުނަން ދިޔައިރު ދޮރު ހުޅުވާ ދިނީވެސް ޖުމައްޔިލް ކަމަށާއި އެގެއިން ނިކުތްއިރު ޒަހޫގެ މަންމަ އަށްވެސް ފެންނާނެ ކަމަށް އޭނާ ބުންޏެވެ. އަވަހަށް ގޮސް ވަނީ ކޮޓަރިއަށް ކަމަށް ވެސް ބުންޏެވެ.

"އެރޭ ކޮޓަރިއަށް ގޮސް ވަތްތަނާ އިނީ މެސެޖު ކޮށްފަ 'ޑިޑް ޔޫ ލައިކް އިޓް' ހެއްޔޭ ކިޔާފަ. ޒަހޫ އޭތި ޑިލީޓް ވެސް ކުރިން. ވައިބަރ އިން ކޮށްފަ އިނީ. އެރޭ ނުވެސް ބުނަން މަންމަ ކައިރިއަކު. ނުކެރުން ބުނާކަށްވެސް. އެރޭ މަސައްކަތް ކުރިން އަމިއްލައަށް މަރުވާން ވެސް. އެހާވަރަށް ހާލަތު ގޮސްފަ ހުރީ. ހިތަށް އެރީ ބުނެފިއްޔާ ޤަބޫލު ނުކޮށްފާނޭ ހަމަ." ޒަހޫ ބުނެފައިވެއެވެ.

އެރޭ ޒަހޫ އެވާހަކަތައް ކިޔައިދިނީ އޭނަގެ ރަށްޓެއްސަކަށެވެ. އެވާހަކަތައް އެންމެ ފުރަތަމަ ބުނަން ނަސޭޙަތްތެރިވީ އެއެކުވެރިޔާ ކަމަށް ވެސް ޒަހޫ ބުންޏެވެ. އެގޮތުން ޒަހޫ ނިންމީ އޭނައާއި ގާތްކޮށް އުޅޭ އެހެން ދެބެންގެ ދެދަރި ބޭބެއެއް ގާތު އެވާހަކަ ދައްކާށެވެ.

"އޭގެ އަނެއް ދުވަހު ބޭބެ އާއި ބައްދަލުކޮށްފަ ބޭބެ ކައިރީގައި ބުނީ، މިހެން ވެއްޖެއޭ. ބޭބެ މަންމަ ކައިރީގައި ބުނީ. މަންމަ ޤަބޫލުކުރި އެންމެ ފުރަތަމަވެސް. މަންމަ ވަރަށް ޕްރޮޓެކްޓިވް ވާނެ، ވަރަށް ލޯބިވެސް ވާނެ. މަންމަ ވެސް ފުރަތަމަ ބުނި ޕޮލިހަށް ދާން. އެކަމަކު ޒަހޫ ހުރީ ބިރުން. ބުނިން ނުކެރޭނޭ، ބޭނުމެއް ނޫނޭ ދާން" ޒަހޫ ބުންޏެވެ.

ޕޮލިހަަށް މިމައްސަލަ އަސްލުގައި ހުށަހެޅީ މިކަން ހިނގިތާ ދެވަނައަށްވީ ދުވަހުއެވެ.

"އަދި ކޮއްކޮއެއް އުޅޭނެ، ކަޒިން އަންހެން ކޮއްކޮއެއް. އެއިރުވާނީ 15 އަހަރު. ކުރިންވެސް ކިޔާނެ މެސެޖު ކުރާ ވާހަކަ... މޫވީ ނައިޓް އާ އެއްޗިސް ހަދަން ކަޒިންސް އެންމެން ޕްލޭން ކުރާއިރުވެސް ކޮއްކޮ ވަރަށް ބެކްއައުޓް ކުރާނެ. އެެހެންވެ ވަރަށް ވިސްނާފަ ކޮއްކޮ ކައިރީ އެހީ. އެހީމަ ފުރަތަމަ ނުބުނި އެއްވެސް އެއްޗެކޭ. ކިހިނެއްވީތޯ އަހަނީ. ދެން ޒަހޫ ބުނިން އެއްވެސް ކަހަލަ އެއްވެސް ކަމެއް ވެފަ އިނިއްޔާ ބުނެބަލަަށޭ. އޭނަ ކޮއްކޮއާއެކީ އެއްވެސް ކަމެއް ކުރަން އުޅުންތޯ ބުނެބަލާށޭ. ދެން ވެސް އެހެން އަހަނީ ކީއްވެތޯ އާއި ވީކީއްތޯ އެހީމަ ޒަހޫ ކިޔައިދިނީ ވީހުރިހާ ކަމެއް. ކިޔައިދިނީމަ ދެން ކޮއްކޮ ވެސް ކިޔައިދިނީ. ބުނީ ކޮންމެވެސް އެއްޗެއް ބަލާ ކަންނާނގެ އެގެއަށް ދިޔައިރު.. ހީ.. ރޭޕްޑް ހަރ... އެހެން މީހަކާވެސް އެއްކޮށް." ވަރަށް އަސަރާއެކު ޒަހޫ ކިޔައިދީފައިވެއެވެ.

ޖުމައްޔިލް ގެ އެއަމަލުތަކުގެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޒަހޫ ނިންމީ އެހިސާބުންނެވެ. އެއިރު "ހެކި" ނެތް ކަމަށް ބުނެ އޭނާ ސަލާމަތްވި ނަމަވެސް މިއީ ހަގީގަތުގައި ވެސް ހިނގާފައިވާ ކަމެއްނަމަ، މިކުދިންގެ ހިތްތަކުން އެބިރުވެރިކަމާއި ހިތާމަ ފިލައިގެން ދާނެ ހެއްޔެވެ؟ އިންސާފު ލިބެން ޖެހެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!