ޚަބަރު

އަމާންވެށީގެ ކުދިންނާ ގުޅޭ ގޮތުން ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ޖެންޑާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަރާމާތަށް އުނިކަން އަންނަފަދަ ވާހަކަތައް ނުފަތުރަން ޖެންޑާ މިނިސްޓްރީން ގޮވާލައިފިއެވެ.

Ads by Sosun Fihaara

ބ. އޭދަފުށީގެ އަމާން ހިޔާއަށް ބަދަލުކުރި ކުދިންނާ ދޭތެރޭ އެ ރަށުގެ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ނާޒުކު ހާލަތުގައި ތިބި ކުދިން މުޖުތަމައުއަށް ނެރުމުގައި ގޮންޖެހުން ހުންނާނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އެ މައްސަލަތައް ހައްލު ކުރަން މުޅި މުޖުތަމައުގެ ޒިންމާ އޮންނާނެ ކަމަށެވެ.

ޢާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ޙާލަތްތަކުގައި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރު ކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމު ކަމެއްކަން ފާހަގަކޮށް ޖެންޑާ މިނިސްޓްރީން އިތުރަށް ބުނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މި ފަދަ ކުދިން ފާއިތުވެދިޔަ މުއްދަތުތަކުގައި ދިރިއުޅެމުން ދިޔައީ މާލޭ ސަރަޙައްދުގައި ޤާއިމު ކުރެވިފައިވާ ދެ މަރުކަޒެއްގައި ކަމަށާއި، އެހެން ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ވެސް ބާކީވުމުގެ އިހުސާސްވިޔަ ނުދީ، އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމަޢުގެ ތެރޭގައި ހެދި ބޮޑުވުމުގެ ފުރުޞަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި އެ ކަމަށް ޚާއްޞަ ކުރެވިގެން ޤާއިމުކުރެވޭ “އަމާން ވެށި”ތަކަށް ބަދަލު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފެށި ކަމަށެވެ.

އަދި މި ފަދަ މަސައްކަތެއް މިހައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާއިރު، އެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ޙައްލު ކުރުމުގައި ގުޅުންހުރި ފަރާތްތަކާއެކު މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން ކަމުގައި އެ މިނިސްޓްރީން ފާހަގަ ކުރައްވައެވެ. ނަމަވެސް، އެ ފަދަ ގޮންޖެހުންތަކަށް ރިޢާޔަތް ކުރުމެއްނެތި ބައެއް ފަރާތްތަކުން ދައްކާ ޙަޤީޤަތާ ޚިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު، އެ ކުދިންނަށް ފޯރާ ޙާލަތުތައް އަންނަ ކަމުގައި ވެސް ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ހަޔާތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ޙާލަތްތަކުގެ ސަބަބުން އެ ފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެ ކުދިން މުޖުތަމަޢުއަށް ރުޖޫއަ ކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ޤަބޫލުކުރަން ޖެހޭއިރު އަދި މި ފަދަ ގޮންޖެހުތައް ޙައްލު ކުރުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!