ހިޔާގެ ފްލެޓުތައް ހަވާލުކުރުން އަވަސްކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ފްލެޓުތައް ހަވާލުކުރުން އަވަސްކުރުމަށް ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.
ޝިޔާމް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރުމަށް ފާސްވެފައިވަނީ 45 މެމްބަރުންގެ ވޯޓުންނެވެ.
މިކުއްލި މައްސަލައިގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު ފަރާތްތަކަށް ވީ އެންމެ އަވަހަށް އެ ފްލެޓްތައް ހަވާލުކޮށް ސަރުކާރުން ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ވީއެންމެ އަވަހަކަށް ފުއްދުމަށް ގޮވާލާކަމަށެވެ.
ކޮވިޑް 19ގެ ސަބަބުން އެތައް ބައެއްގެ އާމްދަނީ ހުއްޓި، ކުއްޔާއި ބިލްތައް ދެއްކުމަށް ނުކުޅެދި ރައްޔިތުން ނިކަމެތިވެ، ބިކަވަމުންދާއިރު، ވީއެންމެ އަވަހަކަށް ފްލެޓްތަކަށް ވަދެވޭނެގޮތް ހަމަޖެހިގެން ދިއުމަކީ އެ ރައްޔިތުން މިއަދު އިންތިހާއަށް ބޭނުންވެފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދުތައް ނުފުއްދާ މިހާރު ނިމިފައިހުރި ފްލެޓްތައް ނުދިނުމަށް މަސައްކަތްކުރާކަމަށެވެ. އަދި ވީ އެންމެއަވަހަކަށް ފްލެޓްތައް ހަވާލު ކުރުމަށް ގޮވާލާކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.