ޚަބަރު

"ކޮވިޑާ ގުޅިގެން މޫސުމީ މައްސަލަތަކަށް ހޭދަ ނުކުރެވި، ހުރަސްތަކެއް ކުރިމަތިވޭ"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އ.ދ ގެ ސަލާމަތީ މަޖިލީހުގައި ބައިނަލްއަގުވާމީ ސުލްހައާއި ރައްކާތެރިކަމާ މޫސުމީ ބަދަލުތަކާ ހުރި ގުޅުންތަކާ ގުޅޭ ބަހުސްގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ރޭ ބައިވެރިވެވަޑައިގެންފިއެވެ.

Ads by STELCO

ސަލާމަތީ މަޖިލީހުގެ ފެބްރުއަރީ މަހުގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން މި ބައްދަލުވުން އިންތިޒާމްކުރީ އިނގިރޭސިވިލާތުންނެވެ. ބައްދަލުުވުމުގެ ރިޔާސަތުގައި އިންނެވީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަންއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ޚާއްސަކޮށް ހަނަފަސްކަމާއި ފެންބޮޑުވުމުގެ ސަބަބުން، ގައުމުތަކަށް ދިމާވާ ނުރައްކަލުގެ މައްޗަށެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ދަތިތަކާ ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ގެނައުމަށް ވެސް މިބައްދަލުވުމުގެ މަޝްވަރާތަކުގައި އަލިއަޅުވާލި ކަމަށް ވެސް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދުވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެތަކެއް ހާސް މީހުންގެ ދިރިއުޅުމަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ދިވެހިރާއްޖެފަދަ ބިން ތިރި ގައުމުތަކަށް މޫސުމީ ބަދަލުތަކުން ދިމާވާނެ ބޮޑެތި ގެއްލުންތައް މިނިސްޓަރ ޝާހިދު ފާހަގަ ކުރެއްވިއެވެ. އަދި ދުނިޔެއަށް ދިމާވި ކޮވިޑް19އިން އަރައިގަތުމަށް އެތަކެއް ހޭދަތަކެއް ކުރަން ޖެހުމުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރަން ހުރި ކަންކަމަށް ހޭދަ ނުކުރެވި، ހުރަސްތަކެއް ކުރިމަތިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި ކަމަށް އެމިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމުގެ މުހިންމުކަން މިނިސްޓަރުވަނީ ފާހަގަކުރެއްވިއެވެ. އަދި 2030ގެ ކުރިން ދިވެހިރާއްޖެ ނެޓް-ޒީރޯ އެމިޝަންއަށް ވާސިލުވާން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ސުލްހައާއި ރައްކާތެރިކަމަށް ހުރި ބޮޑެތި ގޮންޖެހުންތައް ފާހަގަކުރައްވައި، ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ މަސައްކަތުގައި އދގެ ސަލާމަތީ މަޖިލީހުގެ ދައުރުގެ މުހިންމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކުން، ޚާއްސަކޮށް ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވާ ނުރައްކާތަކުން އަރައިގަތުމަށް ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުށް މިނިސްޓަރު ޝާހިދުވަނީ ގޮވާލައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!