ޓާސްކް ފޯސްތަކުން ކުރީ ލާމަރުކަޒީ މަސައްކަތެއް، އެއާ ނުލާ އަތޮޅު ތެރޭގެ ހާލަތު ވަރަށް ގޯސްވީސް: ރައީސް ޞާލިޙް
ކޮވިޑް-19 ގެ ސަބަބުން ޚިދުމަތްތައް ލާމަރުކަޒު މުހިންމުކަން އިހްސާސް ކުރެވިއްޖެ ކަމަށާއި ވަކިން ޚާއްސަކޮށް ސިއްޙީ ދާއިރާ ލާމަރުކަޒު ކުރުމުގެ މުހިންމުކަން ކަށަވަރު ވެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ދުވަސްވަރު ރަށްރަށުގައި ވަކިން ޓާސްކްފޯސްތައް ހަދައިގެން ކުރި މަސައްކަތްތައް ނުކުރިނަމަ އަތޮޅުތަކުގެ ހާލަތު ވަރަށް ގޯސްވެގެން ދިޔައީސް ކަމަށާއި ސިއްހީ ދާއިރާ އަށް ލާމަރުކަޒީ ބަދަލުތައް މިހާރަށް ވުރެން ފުޅާކޮށް ގެންނަވާނެ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ލާމަރުކަޒީ ސިއްޙީ އިޖާބައަށް ސަރުކާރުން މިވަނީ އަމާޒު ހިފާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ޓާޝަރީ ފަސް ހޮސްޕިޓަލެއްގެ ޒަރީއާއިން ރާއްޖެ މިކަމުގައި ލާމަރުކަޒު ވާނެކަން އެއީ އިރާދަކުރެއްވިއްޔާ އެއީ ކަށަވަރު ކަމެއް. އެންމެން ތިބީ ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ތާށިވެފައި. އެހެން ވިޔަސް، ކާމިޔާބު މައިބަދައިގެ އޮޕަރޭޝަން އައްޑޫގައި ކުރެވިއްޖެ. ކުޅުދުއްފުށީގައި ސީޓީ ސްކޭން ގާއިމް ކުރެވިއްޖެ. ކުރިން އޮތް ޝައްކު ފިލައި ވެސް ހިނގައްޖެ. ލާ މަރުކަޒުވުން ނޫން ގޮތެއް ނެތިއްޖެ. އެމްޑީޕީ އެ ބައްޓަމަށް ފެތި ނިމިއްޖެ"
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެމްޑީޕީ ސަރުކާރަކީ ރައްޔިތުންގެ ބާރުތައް ރައްޔިތުންނަށް ފުރަތަމަ ހޯދައިދިން ސަރުކާރު ކަމަށާއި ލާމަރުކަޒު ނުވެ އޮތުމުން އަތޮޅުތަކުގައި ތިބެ ރައްޔިތުން ތަޙައްމަލު ކުރަން ޖެހޭ ތަކުލީފްތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ބާރުތައް ހިފަހައްޓައިގެން ނުތިބެ ރައްޔިތުންނަށް ދޫކޮށްލުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށްވުރެ މާބޮޑު ނިޔަތެއް އަޅުގަނޑުމެންގެ އެބައޮތް. އެއީ އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް، އެބާރުތައް އޭގެ ޙަޤީޤީ މާނައިގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުން"
ރައީސް ވިދާޅުވީ ލާ މަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ އެކު، މިފަހަރު ހޮވޭ ކައުންސިލްތަކަކީ އެމްޑީޕީން ބޭނުންވާ ފަދަ ފުރިހަމަ ކައުންސިލްތަކަށް ވާނެ ކަމަށެވެ. އަދި ލާމަރުކަޒީ ތަރައްގީގެ އަސާސަކީ ތައުލީމާއި ހުނަރާއި އިންސާނީ ވަސީލަތްތަކާއި ސިއްހީ ދާއިރާ އާއި ދިރިއުޅުމުގެ އަސާސީ އަދި ޒަރޫރަތުތަކާއި ވިޔަފާރި އާއި އިގްތިސާދީ ހަރަކާތްތަކާއި ދަތުރުފަތުރާއި މުވާސަލާތުގެ ހުރިހާ ދާއިރާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.