ޚަބަރު

ހިއުމަން ޓްރެފިކިންގެ މައްސަލައިގެ ތަހުގީގަށް މެމްބަރު ރިޒާ ފުލުހަށް ހާޒިރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ބ. ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތާ ހަވާލުވެފައިވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް ކުރާ ހިއުމަން ޓްރެފިކިންގެ މައްސަލަތަކުގެ ތަހުގީގަށް އޭނާ މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

Ads by STELCO

ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ރިޒް ކުންފުނީގެ މައްޗަށް، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކުރި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

އަދި ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ މީޑިއާ ރިލޭޝަން އޮފިސަރު، ޗީފް ސްޓޭޝަން އިންސްޕެކްޓަރު އާތިފާ ހަސަން ވިދާޅުވީ އެ އިދާރާއިން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ރިޒާ ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ބޮޑުފިނޮޅުގައި ބިދޭސީންނަށް ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލާގައި އެ މީހުން ވަނީ އެ ރަށުގައި ހަމަނުޖެހުން ހިންގައި، ދިވެހިންތަކެއް ރަހީނުކޮށްފައެވެ.

މުސާރަ ނުދެވުނީ އެ ރަށް ތަރައްގީކުރާ ސީލް މޯލްޑިވްސް އިން ފައިސާ ނުދިނުމުން ކަމަށް ރިޒް ކުންފުނިން ވަނީ ބުނެފަ އެވެ. އެކަމަކު ސީލް ވަނީ އެކަމަށް އިންކާރު ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!