ދަރިފުޅާ މުޢާމަލާތު ކުރާ ގޮތުން އެކުއްޖަކީ ވިޔާނުދާ ކުއްޖަކަށް ވެސް ނުވަތަ ޞާލިޙް ކުއްޖަކަށް ވެސް ވެދާނެ
ދަރީންގެ ތަރުބިއްޔަތުގެ ފެށުމަކީ މަންމަގެ އުނގެވެ. އެއަށްފަހު ޢާއިލާއެވެ. ފިތުރަތުގެ ސާފުކަންމަތީގައި އުފަންވާ ދަރިފުޅުގެ އުޅުމާއި ގުޅުމަށް ބަދަލު ގެނުވާ އެކުއްޖާގެ މުޅި ޙަޔާތް ބަދަލުކޮށްލާ ސަބަބަކީ އާއިލާގެ ތެރެއިން ދަރިފުޅަށް ފެންނަ މަންޒަރުތަކެވެ. ހަމައެހެންމެ އެކުއްޖާއާއި މެދު މުޢާމަލާތް ކުރާ ގޮތެވެ.
ފެންނަ ފެނުމުގައި ކަމަކީ އާދައިގެ ކަމަކަށްވީ ނަމަވެސް އެކަމެއްގެ ސަބަބުން ދަރީންގެ އުޅުމަށް ހީވެސް ނުކުރާފަދަ ބަދަލެއް ނުވަތަ ބަދަލުތަކެއް އައުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ވީމާ ، ދަރީންގެ ތަރުބިއްޔަތަކީ އެކަމާއި މެދު ނުހަނު ފުންކޮށް ވިސްނާ އެކަމުގެ ހުނަރާއި ހިލްމް ދަސްކުރަން ޖެހޭ ،ހޯދަން ޖެހޭ ކަމެކެވެ.
ދަރީން ތަރުބިއްޔަތު ކުރުމުގެ މައުޟޫއުގައި މަޝްހޫރު ވާހަކައަކަށް އަލި އަޅުވާލާނަމެވެ.
އެއްދުވަހަކު ދަރިފުޅު ސުކޫލުން ގެއަށް އައިއިރު ފަންސުރު ވަނީ ގެއްލިފައެވެ.އެކަމުގެ ސަބަބުން ދަރިފުޅުގެ މަންމަ ، ދަރިފުޅާއި ދިމާއަށް އެއްޗިހި ކިޔާ ، ދެން ދުވަހަކު ވެސް ފަންސުރު ނުލާ ގެއަށް އައިސްގެން ނުވާނެ ކަމަށް ބުނެ އިންޒާރު ދިނެވެ. އަދި އެކަމުގެ ރުޅީގައި ދަރިފުޅަށް އަނިޔާ ކުރިއެވެ.އޭގެ ފަހުން އެކުއްޖާ ފަންސުރު ގެއްލިއްޖެ ނަމަ ގެއަށް ދަނީ ކޮންމެ ވެސް ކުއްޖެއްގެ ފަންސުރެއް ވަގަށް ނަގައިގެންނެވެ. ދުވަސްކޮޅެއް ފަހުން އެކަމަށް ދެވިހިފާ އެހެން ކްލާސްތަކުންނާއި ސުކޫލުގެ އޮފީހުންވެސް ވައްކަން ކުރަން ފެށިއެވެ.
ފަންސުރު ގެއްލުނު އެހެން ކުއްޖެއްގެ މަންމަ ދަރިފުޅާއި މެދު ކަންތައްކުރީ މިގޮތާއި މުޅިން ޚިލާފަށެވެ.ފަންސުރު ނުލާަ ގެއަށް އައުމުން ފަންސުރު ކޮބައިތޯ ސުވާލު ކުރުމުން ދަރިފުޅު ޖަވާބު ދިނީ ގެއްލުނީ ކަމަށެވެ. ދެން ފިލާވަޅުތައް ހެދީ ކިހިނެއްތޯ ސުވާލު ކުރުމުން އެކުއްޖާ ބުނީ އެހެން ކުއްޖެއް ފަންސުރެއް ދިނީ ކަމަށެވެ. މި މަންމަ ދަރިފުޅާއި ދިމާއަށް އެއްޗިހި ކިޔުމުގެ ބަދަލުގައި ހިކްމަތްތެރިކަމާއެކު ވާހަކަ ދެއްކިއެވެ. ކުދިންނަށް އެހީތެރިވުމަކީ ވަރަށް މުހިންމު ކަމެެއް ކަމަށާއި އެއީ ނުހަނު ގިނަގުނަ ސަވާބު ލިބޭ ކަމެއް ކަމުގައި ބުނެދިނެވެ. އޭގެ ފަހުން އެކުއްޖާ ބޭނުންވީ ގިނަ ފަންސުރު ހިފައިގެން ސުކޫލަށް ދާށެވެ. އެގޮތަށް ކަންތައްކޮށް ފަންސުރު ބޭނުންވި ކޮންމެ ކުއްޖަކަށް ފަންސުރު ދެމުން ގެންދިޔައެވެ.
މި ވާހަކައިގައި ދެ ޢާއިލާއަށް ވެސް ދިމާވީ އެއް ހާދިޘާއެެކެވެ. ތަފާތަކީ ދެ މަންމައިން ޢަމަލު ކުރި ގޮތެވެ. އެއް ކުއްޖަކު ބޮޑުވެގެން ވިޔާ ނުދާ ކުއްޖަކަށް ބަދަލުވިއިރު އަނެއް ކުއްޖާވީ ހެޔޮލަފާ ޞާލިޙް ކުއްޖަކަށެވެ. އެހެންކަމުން ދަރީންގެ ތަރުބިއްޔަތަކީ ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއެކު އަދި ހަމައެހާ ކެތްތެރިކަމާއެކު ކުރަންޖެހޭ ކަމެކެވެ. މިކަމުގައި ފަރުވާކުޑަ ކުރާ ބަޔަކަށް ނުވެ ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ ސަބަބަކީ ހެޔޮލަފާ ދަރީންކަމުގައި ހެދުމަށް މަސައްކަތް ކުރަން ޖެހެއެވެ.