ޚަބަރު

ކުރިން ވެރިކަން ކުރި އެއްވެސް މީހަކު ދެން ވެރިކަމަކަށް ނާންނާނެ: އުމަރު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ދެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސީއެންއެމްއިން ގެނެސްދޭ "އިތުރުކާފު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން ރައީސްކަން ކުރައްވާ، ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އެއްވެސް ބޭފުޅަކަށް ދެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންވާ ކަމަކީ ދެނެއް މިރާއްޖޭގަ މީގެ ކުރިން ރައީސްކަން ކުރައްވާ، ނާކާމިޔާބީއާ ކުރިމަތިވި އެއްވެސް ބޭފުޅެއް، އެއީ ރައީސް ޔާމީން ކަމުގައި ވިޔަސް، ނަޝީދު ކަމަށް ވިޔަސް، ރައީސް މައުމޫން ކަމަށް ވިޔަސް އަދި ރައީސް ވަހީދު ކަމަށް ވިޔަސް ރާއްޖޭގެ ރިޔާސީ އިންތިހާބެއް ދެން ކާމިޔާބު ނުކުރެވޭނަކަން" އުމަރު ވިދާޅުވި އެވެ.

ރައީސް ޔާމީން، ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވިޔަސް ދެން ކާމިޔާބުވެވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނުގެ އަރިހުގައި ވެސް ދަންނަވާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ވެރިކަމުގެ އާރާއި ބާރު އޮވެމެ، އިންތިހާބަކުން ނާކާމިޔާބުވެއްޖެނަމަ އެ އާރާއި ބާރު ނެތި، އަލުން އިންތިހާބެއް ކާމިޔާބުކުރުމަކީ ދުނިޔޭގައި ހިނގާފައި އޮތް ކަމެއް ނޫން ކަމަށެވެ.

އުމަރު އިތުރަށް ވިދާޅުވީ، ކުރިން ވެރިކަން ކުރެއްވި ބޭފުޅުން އަލުން ރައީސް ކަމަށް ކުރިމަތިލައްވާނަމަ އެކުރައްވަނީ ބޭކާރު މަސައްކަތަކާއި ބޭކާރު ހަރަދެއް ކަމަށެވެ.

އުމަރު ވަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!