ކަނޑޫފާއަށް ގެއްލުން ވަމުންދާކަން އަންގައި ދިނުމަށް ނޭކުރެންދޫން ނަޝީދަށް ކަނޑޫ ހަދިޔާ ކޮށްފި
ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާއަށް ގެއްލުން ވަމުންދާކަން އަންގައި ދިނުމަށް ހދ. ނޭކުރެންދޫން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަނޑޫ ހަދިޔާ ކޮށްފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދަށް ކަނޑޫ ޕެކެޓުތަކަކާއި، ކަނޑޫފަލަށް އަންނަ ބަދަލު ފެންނަ ފޮޓޯ ހިއްސާކުރައްވާފައި ވަނީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިި ކުރިއަށް ދަނީ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ގދ. ތިނަދޫއަށް އުދައަރާތީ ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސެވެ.
އެ މައްސަލައަށް ބަހުސްކުރައްވަމުން މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ ވިދާޅުވީ އުދަ އެރުމުގެ މައްސަލައަކީ ކަންބޮޑުވާ އަދި އަވަސް ހައްލުތަކެއް ލިބެންޖެހޭ މައްސަލައެއް ކަމަށާއި މައްސަލައަށް ތާއީދުކުރައްވާ ކަމަށެވެ.
"އިއްޒަތްތެރި ރައީސަށް ހަދިޔާއަކަށް އަޅުގަނޑު އަރުވަން ބޭނުން އިއްޔެ އެ ރަށުން ގެނައި ކަނޑޫ މިހުރީ. މި އެއްޗިއްސަށް އައިސްފައި ހުރި ބަދަލު ބައްލަވައިލެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ އެދުމެއް. އަދި އެ ރަށުގެ ރައްޔިތުން ވެސް އެދޭ އެދުމެއް،" އެ ތަކެތި ހަދިޔާ ކުރައްވަމުން ރާއީ ވިދާޅުވި އެވެ.
ނަޝީދާއި މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީގެ މުގައްރިރު، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމަށް ވެސް ޕާރުސަލް ކޮށްފައިވާ ދެ ކަނޑޫ ޕެކެޓް ރާއީ ހަދިޔާ ކުރެއްވި އެވެ. އޭގެ ތެރެއިން އެއް ޕެކެޓުގައި ހުރީ ފެހިކަން ގަދަ ތާޒާ ކަނޑޫތަކެކެވެ. އަނެއް ޕެކެޓުގައި ހުރީ މުށި ކުލައިގައި ހުރި ކަނޑޫ ތަކެކެވެ.
ނޭކުރެންދޫގެ އިތުރުން ހއ. ކެލާގެ ކަނޑޫފާ މަރުވާ ސަބަބު ހޯދަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ގުޅިގެން ވަނީ ދިރާސާއެއް ހަދަން ފަށައިފަ އެވެ.