މިއަދު ކޮމިޓީގައި ޒަހާ ކޮމިޓީއަށް ހާޒިރުކުރަން ނެގި ވޯޓުގައި ޙާޒިރު ފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ. އެހެންވެ ހާޒިރުކުރަން ފާހެއް ނުވެ އެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި މަޑުވައްވަރި ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު އެވެ.
ޒަހާ ކޮމިޓީއަށް ހާޒިރުކުރަން ޖާބިރު ހުށަހެޅުއްވީ ވިޔަފާރިއަށް މަންފާއެއް ނުވެގެން: ފަލާހް
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަގާމުގެ ޒިންމާ އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވީ ވިޔަފާރި މަންފާއެއް ނުވެގެން ކަމަށް އެ ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.
އެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައި އޮތީ މިނިސްޓަރު ޒަހާ، މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށާއި އެހެންވެ، އޭނާ ކޮމިޓީ އަށް ހާޒިރު ކުރުމަށާއި އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން އެދޭ ކަަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސަށް ޖާބިރު ފޮނުއްވާފައިވާ ސިޓީއެކެވެ.
ޖާބިރު، އެ ސިޓީ ކޮމިޓީ އަށް ހުށަހެޅުއްވުމުން ފަލާހު ވިދާޅުވީ މެމްބަރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއް ހަމަނުޖެހުމުން މިނިސްޓަރު ހާޒިރުކުރަން ހުށަހެޅުއްވުމަކީ ރަނގަޅު ކަމެއް ނޫން ކަަމަށެވެ.
ފަލާހު އެހެން ވިދާޅުވުމުން ޖާބިރު ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ހައްގު ފިޔަވާ އެއްވެސް އެދުމެއް އޭނާގެ ނޯންނާނެ ކަމަށެވެ. މިނިސްޓަރު ޒަހާއާ އެއްވެސް ޒާތީ މައްސަލައެއް ނޯންނާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ. ފަލާހު ވިދާޅުވީ ޖާބިރު ކޮމިޓިއަށް ޒަހާ ހާޒިރު ކުރަން ހުށަހެޅުއްވި ސީދާ މަސްއޫލިއްޔަތު އަދާ ނުކުރީ ކޮން ކަމެއްގައިކަން ވިދާޅު ނުވާ ކަމަށެވެ.